ނަފުސާނީ ސިއްހަތަށް އަހަންމިއްޔަތުކަން ބޮޑު ކުރުމަކީ ކުރިއެރުމެއް

2019 ވަނަ އަހަރު ސެންޓާ ފޯ މެންޓަލް ހެލްތު ހުޅުވުން؛ ނަފުސާނީ ސިއްހަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރި

2019 ވަނަ އަހަރު ސެންޓާ ފޯ މެންޓަލް ހެލްތު ހުޅުވުން؛ ނަފުސާނީ ސިއްހަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރި

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން، 'ސިއްހަތު' މާނަ ކޮށްފައިވަނީ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އޭގެ ތެރޭގައި ހިމެނޭގޮތަށް. ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ނަފުސާނީ ސިއްހަތުގެ ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް މަތިވެފައިވާއިރު، ޑަބްލިއުއެޗްއޯއިން ނަފުސާނީ ދުޅަހެޔޮކަން ކަނޑައަޅާފައި ވަނީ 'ގްލޯބަލް ޕްރަޔޯރިޓީ' އެއްގެ ގޮތުގައި."

އެއީ ބައިނަލްއަގުވާމީ ނަފުސާނީ ސިއްހަތުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހު އެޗްޕީއޭއިން ބޭއްވި މެންޓަލް ހެލްތު އޯޕަން ޑޭ ހުޅުވައިދެއްވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ވާހަކަ އެވެ.

އާންމު ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ޖިސްމާނީ ސިއްހަތަށް ދެވޭ އަހަންމިއްޔަތުކަން ނަފުސާނީ ސިއްހަތަކަށް ނުދެވެ އެވެ. ފަހަރުގައި އެއީ މުޖުތަމައުގައި ނަފުސާނީ ސިއްހަތާމެދު އަދިވެސް އޮތް 'ސްޓިގްމާ' ގެ ސަބަބުން ކަމަށް ވެދާނެ އެވެ. މީހުން ދެކޭނެ ގޮތަކާމެދު ފިކުރުކޮށް، އެހީތެރިކަމަށް އެދެން ނުކެރެނީ ކަމަށް ވެސް ވެދާނެ އެވެ.

އެއްބަޔަކު ސްޓިގްމާގެ ސަބަބުން އެހީތެރިކަމަށް ނޭދި ތިބިއިރު، އަނެއްބަޔަކު ތިބީ އެހީތެރިކަމެއް ލިބޭނެ މަގު ފަހި ނުވެފަ އެވެ. ކްލިނިކުތަކުން އަގުބޮޑުކޮށް ނަފުސާނީ ފަރުވާ ފޯރުކޮށްދިން ނަމަވެސް ގިނައީ ކްލިނިކުތަކުން އެ ފަރުވާ ލިބިގަންނާނެ މާލީ ތަނަވަސްކަން ނެތް މީހުންނެވެ. އެކަމަށް ހައްލު ލިބުނީ މާޗް 25، 2019 ގައި އައިޖީއެމްއެޗުގައި ހުޅުވި ސެންޓަ ފޯ މެންޓަލް ހެލްތް (ސީއެމްއެޗް) އާއެކު އެވެ. މާލީ ތަނަވަސްކަން ނެތް މީހުންނަށް އާސަންދައިގެ ދަށުން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމާއެކު އެވެ.

ސީއެމްއެޗް ހުޅުވިފަހުން އެ ސެންޓަރުން ވަނީ 55،608 މީހުންނަށް ހިދުމަތް ދީފައިވެ އެވެ.

  • 2019 - 7246 މީހުން
  • 2020: 17708 މީހުން
  • 2021: 16936 މީހުން
  • 2022: 13718 މީހުން (އޮކްޓޫބަރު މަހުގެ ނިޔަލަށް)

އޭގެ އިތުރަށް، އޮކްޓޯބަރު، 2020، އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ސީއެމްއެޗުގައި އެޑްމިޓްކޮށްގެން 406 މީހަކަށް ފަރުވާ ދީފައިވެ އެވެ.

3500 އިން 510 އަށް؛ ވެއިޓްލިސްޓަށް ހެޔޮ ބަދަލެއް

ސީއެމްއެޗް ހުޅުވިތާ މިވީ ހަތަރު ވަރަކަށް އަހަރު ތެރޭ އެ ސެންޓަރަށް ގުޅާލި ކޮންމެ މީހަކު ވެސް ޖެހެނީ ދިގު ވެއިޓްލިސްޓެއްގަ އެވެ. ފަރުވާގެ އިންތިޒާރުގައި އެތައް މަހެއް އިންތިޒާރުގައި ހުންނަން އެބަ ޖެހެ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ސެންޓަރުގައި ހިދުމަތް ފޯރުކޮށްދޭން އެންމެ ހަތަރު ސައިކޭޓްރިސްޓުން ތިބުމެވެ. ނަމަވެސް މިހާރު އެ ސެންޓަރުން ވަނީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ވެއިޓްލިސްޓު ތިރިކޮށްފަ އެވެ.

ސީއެމްއެޗް ހުޅުވިފަހުން އެ ސެންޓަރުގެ ވެއިޓްލިސްޓު އެންމެ މައްޗަށް އެރީ މިއަހަރުގެ މާޗު މަހާއި އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު 3500 އެއްހާ މީހުން ވެއިޓްލިސްޓުގައި ތިއްބެވެ. އެ ސެންޓަރަށް އިތުރުކުރި މުވައްޒަފުންނާއެކު، މިވީ ހަމަހެއްހާ ދުވަހުގެ މަސައްކަތުން ސީއެމްއެޗުގެ ވެއިޓްލިސްޓު މިހާރު ވަނީ 510 އަށް ތިރި ކުރެވިފަ އެވެ.

މިހާރު ސީއެމްއެޗުގައި އަށް ސައިކޭޓްރިސްޓުން މަސައްކަތް ކުރަމުންދާއިރު، ސައިކޮލޮޖިސްޓުންނާއި، ސައިކޯތެރަޕިސްޓުންގެ އިތުރުން ކައުންސިލަރުން ހިމެނޭހެން ޖުމްލަ 71 މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ. އެ ސެންޓަރުން ދަނީ ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިން، ސައިކޯތެރަޕީ، ސޯޝަލް ވޯކް އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ދެމުންނެވެ.

ހަމައެއާއެކު، އެ ސެންޓަރުގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ގާއިމުކޮށްފައިވާ އިންޕޭޝަންޓް ޔުނިޓުގައި ބޭސްފަރުވާގެ އިތުރުން ސައިކޯއެޑިއުކޭޝަން، ރިހެބިލިޓޭޝަން އަދި ބަލިމީހުންނަށް އެކި ހަރަކާތްތައް ހިންގާނެ ސަރަހައްދަކާއި، އައުޓްޑޯ ޖިމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. ހަމައެއާއެކު އެތަނުގައި އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ (އީސީޓީ)ގެ ހިދުމަތް ފެށުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް

މިއަދު ފާހަގަކުރާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހު އުފާކުރަން ޖެހޭ އެއްކަމަކީ، ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގައި ނަފުސާނީ ފަރުވާ ދޭނެ އިތުރު ސެންޓަރެއް ހުޅުވިގެން ދާނެކަމެވެ. އެއާއެކު ސީއެމްއެޗުގެ ވެއިޓްލިސްޓުގައި ތިބި މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު (އެމްއެޗްސީ) އަށް ޑޮކްޓަރަށް ދެއްކުމަށް ކޮންސަލްޓޭޝަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަލަށް ހުޅުވި އެމްއެޗްސީގައި ދެ ކޮންސަލްޓޭޝަން ރޫމާއި، ފެ ފަރުވާ ދޭ ކޮޓަރީގެ އިތުރުން ކޮންފަރެންސް ރޫމެއް ހުރެ އެވެ. އެތަނުގައި ދެ ސައިކޭޓްރިސްޓުންނާއި، ދެ ކްލިނިކަލް ސައިކޮލޮޖިސްޓުންގެ އިތުރުން ކައުންސިލަރެއް އަދި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން ހިދުމަތް މަސައްކަތް ކުރާނެ އެވެ.

އެ ސެންޓަރުގައި މަސައްކަތްކުރާ ސައިކޮލޮޖިންޓުން ދުވާލެއްގެ މައްޗަށް 12 އާއި 15 އާ ދެމެދުގެ އަދަދަކަށް ބަލި މީހުންނަށް ހިދުމަތްކުރާއިރު، ސައިކޭޓްރިސްޓުން ދުވާލެއްގެ މައްޗަށް 30 ބަލި މީހުންނަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެ ސެންޓަރުން ފޯރުކޮށްދެނީ ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިން އަދި އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު، އިންޑިއާގެ ކެޑެބަމްސް ގްރޫޕާ ގުޅިގެން އެތަނުގެ ފަންނީ މާހިރުން މެދުވެރިކޮށް، އޮންލައިންކޮށް 'ސުޕަ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން' ވެސް އެމްއެޗްސީން ފޯރުކޮށްދޭނެ އެވެ.

އެމްއެޗްސީން ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ފޯރުކޮށްދޭއިރު، 24 ގަޑިއިރު އޮންކޯލް ސައިކޭޓްރިސްޓް ހިދުމަތް ފޯރުކޮށްދޭނެ އެވެ. އޮންކޯލް ސައިކޭޓްރިސްޓުގެ ހިދުމަތް ހޯދުމަށް އަދި އެމްއެޗްސީން އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ ކޯލް ސެންޓަރު ނަންބަރު 1417 ގާއިމްކޮށްފަ އެވެ.

ނަފުސާނީ ސިއްހަތަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން މި ސަރުކާރުގެ ގައުމީ ސިޔާސަތުގެ ތެރޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމު ލުއި ފަސޭހަ ކުރުމަށް ނިންމާފަ އެވެ. އަދި ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ސަރުކާރުގެ ވަކި މުއައްސަސާއެއްގެ ގޮތުގައި މަރުކަޒެއް އެންމެ ފުރަތަމަ ހުޅުވީ މި ސަރުކާރުންނެވެ. އަދި ދައުރު ނިމުމުގެ ކުރިން ވަނީ އެ މަރުކަޒުގެ ކެޕޭސިޓީ އިތުރުކޮށް، ހުޅުމާލޭގައި އިތުުރު މަރުކަޒެއް މިއަދު ހުޅުވާނެ އެވެ. މި ސަރުކާރުން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ފަސް އަތޮޅަކުން ނަފުސާނީ ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ހަމައެއާއެކު، ސަރުކާރުން ވަނީ 'ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން'ގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ ހިދުމަތް ފުޅާކޮށް، އެތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އެ ޕްލޭނުގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox