ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ ނެކްޓަންއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ މައްޗަށް އެކުލަވާލާ ރިޕޯޓްތައް އަންނަ އަހަރު ނިމުމުގެ ކުރިއަށް ހާމަކުރެވޭނެ ކަމަށާއި، މި ދިރާސާ މެދުވެރިކޮށް މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ހުކުރު ދުވަހު ނިންމާލި އެ ހަރަކާތަކީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް މަސް ދުވަހަށް ހިންގި ރާއްޖޭގެ ކަނޑު އަޑީގެ ސިއްރުތައް ހޯދުމަށް ކުރި ޑައިވްތަކެކެވެ. މި ޑައިވްތައް މެދުވެރިކޮށް ހޯދި މައުލޫމާތުތައް ހޯމަ ދުވަހު ތަފްސީލް ގޮތެއްގައި އާންމު ކުރުމަށް ވަނީ ނިންމައިފަ އެވެ.
އޭގެ ކުރިއަށް ދިވެހި ނޫސްވެރިންނާ ބައްދަލުކޮށް ދިވެހި ސަރުކާރާއި ނެކްޓަން އިން ވަނީ އެ މައުލޫމާތުތަކުގެ ހަވާސާއެއް އަލިއަޅުވައިލަ ދީފަ އެވެ. މީޑިއާ ކޮންފެރެންސްގައި ދިވެހި ސަރުކާރުން ވަނީ ކަނޑުއަޑީގެ ދިރާސާތައް މެދުވެރިކޮށް އާ ހޯދުންތަކެއް ލިބިފައިވާކަން ފާހަގަކޮށްފަ އެވެ.
"ރާއްޖެ އޮތް ގޮތުގެ ގުދުރަތު ވަރަށް ބޮޑަށް ދިރާސާކުރެވިއްޖެ، މޫސުމީ ބަދަލުތަކުން ރާއްޖެ ނެތި ދިއުމުގެ އޮތް ބިރުން ސަލާމަތް ކުރުމުގެ އުންމީދު ހަމަ ބޮޑު، އެ ވަރުގެ މުއްސަނދި ދިރުންތައް ކަނޑުއަޑީގައި އެބަހުރި،" ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި އެވެ.
ޑައިވެއްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން ޗާޓުކުރި ކަނޑު އަޑީގެ ސަރަހައްދު 300 އަކަ ކިލޯމީޓަރަށް ވުރެ ބޮޑެވެ. އެއީ ރާއްޖޭގެ ހިކިފަސް ބިމަށް ވުރެ ބޮޑު ސަރަހައްދެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސް ވިދާޅުވީ މި މަސައްކަތުގެ ތެރޭގައި 453 ގަޑިއިރުގެ ވީޑިއޯ ޑޭޓާ އާއި 554 ސާމްޕަލް އެއްކުރެވިފައިވާ ކަމަށެވެ. ކުރިއަށް އޮތް މަސައްކަތަކީ ހޯދުނު ޑޭޓާތައް އެނަލިސިސް ކުރުމަށް ފަހު ހޯދޭ ކަންކަމުގެ އަލީގައި ރިޕޯޓްތައް ތައްޔާރުކުރުމެވެ.
"މި ދިރާސާއަށް ޓަކައި އަޅުގަނޑުމެން އަދި ރާއްޖެ އަންނަން ޖެހޭނެ، މި ފެނުނު ދިރުންތަކުގެ އެންމެ އިނީޝިއަލް މައުލޫމާތުތަކާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހު ޓަކްސަނޮމަކް ވޯކްޝޮޕެއް ރާއްޖޭގައި އޮންނާނެ، އަންނަ އަހަރު ނިމުމުގެ ކުރިއަށް މީގެ ރިޕޯޓްތައް ޝާއިއުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެއްކުރެވުނު ޑޭޓާތައް އެނަލިސިސް ކުރުމުގެ މަސައްކަތް ހިނގާނީ އިނގިރޭސިވިލާތުގަ އެވެ.
ފިޝަރީޒް މިނިސްޓަރު ހުސައިން ފާހަގަ ކުރެއްވި ގޮތުގައި، ރާއްޖެ ދެނެގަތުމުގެ އެ ދިރާސާއިން ދިވެހި މެރިން ސައިންޓިސްޓުންނަށް ވެސް ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ. ދިވެހި 10 އެކުއާނޮޓުން މިާރ ވެސް މީގައި ބައިވެރިވާއިރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ދިރާސާގައި ދިވެހިންނަށް އިސްކަން ދޭނެ އެވެ.













