ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައޭ) އަށް ގެނެވެމުންދާ ތަރައްގީއާ އެކު އުންމީދަކީ މި ރާއްޖެ ހަބަކަށްވުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.
ވީއައިއޭގައި ތަރައްގީ ކުރި އާ ރަންވޭ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު މަނިކު ވިދާޅުވެފައިވަނީ މިހާރު އެއާޕޯޓުގައި ތަރައްގީ ކުރެވެމުންދާ ކާގޯ ކޮމްޕްލެކްސް ނިމުމާ އެކު ކާގޯގެ ޓްރާންސިޓް ޕޮއިންޓަކަށް ވެގެންދާނެ ކަމަށާއި، ރާއްޖޭގެ މުސްތަގުބަލު ވަރަށް ވެސް އުޖާލާ ކަމަށެވެ.
"(އާ ރަންވޭއާ އެކު) ތިން މިނެޓުން ބޯޓެއް ޖެއްސޭ ގޮތަށް މިހާރު މި ހުޅުވެނީ.. އަދި މިހާރު މި ހެދިގެން ދަނީ ޓާމިނަލް ބިލްޑިން.. ޓާމިނަލް ބިލްޑިން ހުޅުވުނީމަ މި ޕިކްޗަރު މުޅިން ފުރިހަމަވާނީ," އުމަރު މަނިކު ވިދާޅުވި އެވެ.
މީގެ އިތުރުން 2008 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރަން ހެދި މާސްޓާ ޕްލޭން އެބޭފުޅާގެ ޗެއާމަން ކަމުގެ ދަށުގައި ރިވިއު ކުރެއްވި ކަމަށާއި، މިއަދު ހުޅުވުނު ރަންވޭ އާއި މިހާރު ހެދަމުންދާ ކާގޯ ކޮމްލެކްސް އަދި ޕެސެންޖާ ޓާމިނަލް އަކީ އެ މާސްޓާ ޕްލޭންގެ ދަށުން ތަރައްގީ ކުރަމުން އަންނަ ތަންތަން ކަމަށް އުމަރު މަނިކު ވިދާޅުވި އެވެ.
މިއަދުގެ ވާހަކަފުޅުގައި އުމަރު މަނިކު ވަނީ އެބޭފުޅާގެ ދުރު ހަނދާނުން އެއާޕޯޓުގައި ގާއިމު ކުރި ދަނގަޑު ރަންވޭ އާއި އެއަށްފަހު އެއާޕޯޓަށް އަންނަމުން ދިޔަ ތަރައްގީގެ ވާހަކަތައް ވެސް ހިއްސާކުރައްވާފަ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ފާހަގަކުރި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް އުމަރު މަނިކު ވަނީ ރާއްޖޭގެ ތަރައްގީ އާއި އެއާޕޯޓުތަކާއި އޮތް ގުޅުން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އައްޑޫ އަދި ހަނިމާދޫގައި ތަރައްގީ ކުރެވޭ ރީޖަނަލް އެއާޕޯޓުތަކާ އެކު ރާއްޖޭގެ ތަރައްގީއަށް އަދި ފަތުރުވެރިކަމަށް ބޮޑު ބޫސްޓެއް ލިބިގެން ދާނެ ކަމަށް އުމަރު މަނިކު އެ ދުވަހު ވިދާޅުވި އެވެ.












