ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާއިރު އައިޖީއެމްއެޗްގައި ހަތަރު ކުޑަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް ވިދާޅުވީ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްއަށް ގެންނަނީ އަތޮޅުތަކުން ގެންނަ ކުދިން ކަމަށެވެ. މާލޭގައި ވެސް ބަލި އިތުރު ކަމަށާއި ނަމަވެސް, އެންމެގިނަ ކުދިން ޑެންގޫ ހުންޖެހިގެން ފޮނުވަނީ ނ، ރ، މ އަތޮޅުން ކަމަށް ޑރ. ވިދާޅުވި އެވެ.
އެޗްޕީއޭން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ޖުލައި އަދި އޯގަސްޓު މަހު ތިން ބައްޔެއް ޖެހުނު މީހުން އިތުރުވެފައިވެ އެވެ. އޭގެ ތެރޭގައި ހުމާއި ރޯގާގެ އިތުރުން ފާނަބަސަންދާއި ލޮލު ރޯގާ އަދި ޑެންގީ ހިމެނެ އެވެ.
އެޗްޕީއޭން ބުނީ މިދިޔަ އަހަރާ ބަލާއިރު މި އަހަރުގެ ޖުލައި އަދި އޮގަސްޓު މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހު ޖުމުލަ 322 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އޯގަސްޓު މަހު ޑެންގީގެ 268 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ޑެންގީގައި މަރު!
މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އުމުރުން 10 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ. އިއްޔެ އުމުރުން އަށް އަހަރުގެ ކުއްޖަކާއި 19 އަހަރުގެ ޒުވާނަކުވެސް ވަނީ ޑެންގީގައި މަރުވެފަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ އައިޖީއެމްއެޗްގައި 16 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ޑެންގީ ޖެހި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
ޑެންގީ ފެތުރެނީ ކިހިނެއް؟
ޑެންގީ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއާ ހިލާފަށް މި ބަލި ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. އިންސާނުންގެ ގައިން މަދިރި އަށް ވެސް މި ބަލި އަރަ އެވެ. އިންފެކްޓުވެފައިވާ މަދިރީގެ މުޅި އުމުރަށް ވެސް އިންސާނުންގެ މެދުގައި ބަލި ފަތުރަމުން ދާނެ އެވެ. މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފަހަކަށް އައިސް ޑެންގީ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަންގެ އަސަރު އިންސާނަކަށް ކުރުމުން އަލާމާތްތައް ފެންނަނީ 4-5 ދުވަސް ފަހުންނެވެ. އެ އަލާމާތްތައް ހަފުތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ފެނުން އެކަށީގެންވެ އެވެ.
ޑެންގީ ޖެހޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ބަލިވެ އެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭނުބައި ކުރުން، ހުން އައުން، ބަނޑުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ސީރިއަސް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރެއިން ލޭ އައުން ހިމެނެ އެވެ. ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.
ޑެންގީ އިން ސަލާމަތް ވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި ހެފުން ކޮންޓްރޯލް ކުރުމެވެ. އެގޮތުން މަދިރިގެ ބޭނުން ކުރުމާއި، މަދިރި ދުރުކުރާ ސްޕްރޭ، ލޯޝަން ނުވަތަ އެހެން އެއްޗެއް ބޭނުން ކުރުމެވެ. ޑެންގީ އަށް ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. ބަލި ޖެހިއްޖެ ނަމަ ޑޮކްޓަރުން ލަފާދެނީ ގިނައިން ދިޔާ ތަކެތި ބުއިމަށާއި، އަރާމު ކުރުމަށާއި، ހުން އަންނަ ނަމަ ބޭސް ކެއުމަށެވެ.












