ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ބޭފުޅުންނަށް ގޮންޖެހުން ކުރިމަތި ކުރުވައި، މަސައްކަތް މެދުކަނޑާލަންޖެހޭ ހިސާބަށް ކަންތައްދިޔަ ކަމަށާއި ތާރީހަށްޓަކައި އެ ވާހަކަ ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ފުރަތަމަ ރިސޯޓު އެޅި ވިހަމަނާފުށީގައި މިހާރު ކުރިއަށްދާ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަން ފެއްޓެވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހުސެއިން "ޗަމްޕާ" އަފީފް އާއި މުހައްމަދު އުމަރު މަނިކަށް "ޕާސަނަލީ" ގޮންޖެހުން ކުރިމަތި ކުރުވި ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައިރު ތަފާތު ދައުރުތައް ފެނިފައި އެބަހުރި. އެންމެ ފުރަތަމަ މި ސިނާއަތް ރާއްޖޭގައި އުފަން ކުރުވި ޕަޔަނިއަރުން މި މަސައްކަތް ފެއްޓެވި ގޮތް. އަދި އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބާނީންނަށް ކުރިމަތިވި ގޮންޖެހުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލަންޖެހޭ ހިސާބަށް ކަންތައްދިޔަ ކަމަށެވެ.
"ވަކި ހިސާބަކުން ސީދާ އެބޭފުޅުންނަށް ޕާސަނަލީ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހުރަސްތައް. އެބޭފުޅުން މި މަސައްކަތް ރާއްޖޭގައި ފެއްޓެވުމާއެކު ފެނިގެންދިޔައީ ކޮންމެވެސް ކަމެއް ކުރިމަތި ކުރައްވައި މި ދެންނެވި ތިން ބޭފުޅުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ މަސައްކަތާ ދުރަށްޖެހިލަން ޖެހުނު މަންޒަރު. ނަމަވެސް އެ ބޭފުޅުންގެ އަޒުމަކަށް ބަދަލެއް ނާދޭ. އާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިން މެދުވެރިކޮށް އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވި،" އެމަނިކުފާނު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް އެ ދެއްކެވީ ފަތުރުވެރިކަން ފެށި ދުވަސްވަރު ސަރުކާރުން، އެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކުރިމަތި ކުރެއްވި ދަތިތަކަށެވެ. އޭގެ އިތުރުން އެ މައުލޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަން ފެއްޓެވި ބޭފުޅުންނަށް ކުރިމަތިވި ކަންކަން ތެދުބަހުން ތާރީހަށްޓަކައި ލިޔަންޖެހޭ ކަމަށެވެ.
"ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ މި ހަގީގަތްތަައް ސާފުކޮށް ލިޔެ، ތާރީހަށްޓަކައި އެބަ ރައްކާކުރަންޖެހޭ. ކަން ވީގޮތް ތެދު ބަހުން ލިޔެ އަންނަން އޮތް ޖީލުތަކަށް އެބަ ފޯރުކޮށްދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހިސާބަށް އައީ ފަތުރުވެރިކަމުގެ ބާނީން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
"އިގްތިސާދީ ގޮތުން ރާއްޖެ މިއަދު ފޯރާފައިވާ އައްސޭރިއަށް މި ގައުމައިގެން ދިވެހިންނަށް އާދެވުނީ އެބޭފުޅުން އެ ދުވަހު ކެރިވަޑައިގެން އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީމަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ބާނީންގެ އިތުރުން ފަހުން ވެސް ގިނަ ބަޔަކު އިންޑަސްޓްރީއަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެގޮތުން ގާސިމް އިބްރާހިމާއި އަހުމަދު "ސަން" ސިޔާމްގެ ނަން ރައީސް ވަކިން ފާހަގަ ކުރެއްވި އެވެ.
"ގާސިމް މި ސިނާއަތަށް އިންވެސްޓު ކުރަން ފެށުމުން މުޅި އިންޑަސްޓްރީއަށް އައި ހެޔޮ ބަދަލު ފެނުނު،" އެމަނިކުފާނު ވިދާޅުވި އެވެ.












