ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ދޫކުރުމަށް ޓަކައި އެކަމަށް ބޭނުންވާ ސެޓަޕް ހެދުމުގެ މަސައްކަތާ ގުޅުވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދަށް ކުރީގެ އިންޓާނަލް ޗީފް އޮޑިޓަރު އަހުމަދު ފަޒީލު ކުރެއްވި ތުހުމަތުތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފަޒީލު ތުހުމަތުކުރެއްވީ، އަޑިޕާކްގައި އެންޓަނާ ޖަހައި، މީޑިއަމް ވޭވް ދޫކުރަން ބޭނުންވާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހަވާލުކޮށްފައި އޮތީ އެ މަސައްކަތަށް ކުރިމަތިލި އެންމެ ގާބިލު ކުންފުންޏަކާ ނޫނެވެ. އޭގެ ބަދަލުގައި ލަންކާގެ ތާންތޫރީ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތުގެ އެއްބަސްވުން ފަހުން އޮތީ ބާތިލުވެފައި ކަަމަށް އިއްޔެގެ ބައްދަލުވުމުގައި ފަޒީލު ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއްބަސްވުން ބާތިލުވެފައި ވަނިކޮށް، މިހާރުގެ އެމްޑީ އަލީ ހާލިދު އެ މަސައްކަތް އަލުން އެ ކުންފުންޏާ ހަވާލުކުރެއްވީ ދައުލަތަށް 18 މިލިޔަން ރުފިޔާގެ ގެއްލުމެއްވާ ގޮތަށެވެ.
އަލީ ހާލިދު "އަދަދު" އަށް މިއަދު ވިދާޅުވީ އަޑިޕާކް އެންޓަނާ މަޝްރޫއު، ތާންތޫރީ ކުންފުންޏާ ހަވާލުކުރުމުގައި ކުރީގެ ބޯޑުން އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލި ކަމަށާއި އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ޕީއެސްއެމްއަށް އެންގި ކަމަށެވެ.
އެހެން ނަމަވެސް އެ މަސައްކަތް ނިންމަން ދިން މުހުލަތުގައި ނުނިމި، އެއްބަސްވުމުގެ މުއްދަތު ހަމަވިކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

"ދެން މި ޕްރޮޖެކްޓް އެންމެ ރަނގަޅަށް ކުރިއަށް ނުގޮސްގެން ކޮންޓްރެކްޓް ހަމަވީ. ހަމަވީމާ، އޭރުގެ ބޯޑުން މި ބެލީ ލަސްވީ ކީއްވެތޯ. ބެލި އިރު މިވާ ގޮތަކީ، އެމީހުން [ތާންތޫރީ] އިން މި ބުނަނީ އަޅުގަނޑުމެންގެ [ޕީއެސްއެމްގެ] އިހުމާލުންނޭ. ކަސްޓަމުން އެއްޗިހި ކްލިއާ ނުވިއްޔޭ، ޕޭމަންޓް ނުދިނޭ. އެހެންވީމާ ޕްރޮޖެކްޓް އޮތީ ހުއްޓިފައި،" އަލީ ވިދާޅުވި އެވެ.
އެހެންވެ، އޭރުގެ ބޯޑުން ނިންމީ އޭނާ ވިދާޅުވި ގޮތުގައި ތާންތޫރީއާ އެކު މަސައްކަތް ކުރިއަށް ގެންދާށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީއެސްއެމްގެ މިހާރުގެ ބޯޑުން އެ ކުންފުންޏާ ހަވާލުވި އިރު، ކުރީގެ ބޯޑުގެ އެ ނިންމުން އެތް ގޮތަށް އޮތެވެ.
އޭރުގައި ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ދޫނުކުރެވޭތީ، މީޑިއަމް ވޭވް މެދުވެރިޮކޮށް ދޭ، ރޭޑިއޯގެ ހިދުމަތް އޮތީ ހުއްޓިފަ އެވެ. އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ އަލީ ވިދާޅުވި ގޮތުގައި މީޑިއަމް ވޭވްގެ ހިދުމަތް ދޭން އަވަހަށް ފެށުމަށްޓަކަ އެވެ. އެހެންވެ އެ މަޝްރޫއު ފަށަން ވެގެން ޕީއެސްއެމްގެ ލީގަލް ޑިޕާޓްމަންޓްގެ ބޭފުޅަކާއި ޓެކްނިކަލް ބޭފުޅެއް އަދި މަޝްރޫއުގެ ކަންތައް ބަލާ ބޭފުޅަކު މެދުވެރިކޮށް، މަޝްރޫއުގެ ކަންތައް އޮތް ބެއްލެވި ކަމަށާއި، ބެލި އިރު މައްސަލަ ތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތާންތޫރީއަށް އެ މައްސަލަތައް ހުރިކަން ފާހަގަކޮށްދިނުމުން، އެ މައްސަލަތައް ހައްލުކުރި ކަމަށާއި، ކުރިއަށް ގެންދަން ކުރީގެ ބޯޑުން ނިންމާފައި އޮތް ނިންމުން އޮތުމުން، މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ޕީއެސްއެމްގެ ލީގަލް ބޭފުޅާ ލަފާ ދިން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"ހިލޭ އެހީގެ މަޝްރޫއެއް ދޫކޮށެއް ނުލެވޭނެ"
މަސައްކަތް ކުރިއަށް ގެންދަން ނިންމި އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއަކުން ކުރިއަށް ގެންދިޔަ މަޝްރޫއަކަށްވުމެވެ.
"އަނެއް ކަމަކީ މިއީ ހިލޭ އެހީގެ މަޝްރޫއެއް. އެހެންވީމާ މި މަޝްރޫއު ކެންސަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
53 މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ 80 ޕަސެންޓް އޭރު އޮތީ ނިމިފައި ކަމަށާއި އެއީ ވެސް މަޝްރޫއު ކުރިއަށް ގެންދަން ޖެހުނު ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަޝްރޫއު އޭރު ކެންސަލް ކުރި ނަމަ، އަނެއްކާވެސް އެ އަދަދަށް ފައިސާ ހޯދައިގެން އާ މަޝްރޫއެއް ފަށަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ފުރުސަތު ގާނޫނީ ގޮތުން އޮތް ކަމަށާއި ރޭޑިއޯގެ ހިދުމަތްދޭން ފެށުން އޭރު ވެސް ލަސްވެފައިވާ ކަމަށެވެ.
"އޭރު އެ މަޝްރޫއު ކެންސަލް ކޮށްފައި ދިޔަ ނަމަ އަދިވެސް ތިބޭނީ ރޭޑިއޯގެ ސިގްނަލް ނުދެވި. ކޮވިޑާ މި ހުރިހާ ކަމެއްގެ ތެރޭގައި. އެހެންވީމާ އަޅުގަނޑު ނިންމީ ރަނގަޅު ނިންމުމެއް،" އަލީ ހާލިދު ވިދާޅުވި އެވެ.
ޕީއެސްއެމްގެ ކުރީގެ އިންޓާނަލް ޗީފް އޮޑިޓަރު ފަޒީލް، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އިއްޔެ ހާޒިރުކުރީ، ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވައިލި މައްސަަލައިގައި ސުވާލުކުރުމަށެވެ. ފަޒީލް ތުހުމަތު ކުރެއްވި ގޮތުގައި އެ ޑިޕާޓްމަންޓް އުވާލީ އެންޓަނާ މަޝްރޫއު އަލުން ފެށުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްޑީ މަސައްކަތް ކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓެއްގައި ތުހުމަތު ކުރުމުންނެވެ.
ފަޒީލުގެ އެ ތުހުމަތު ވެސް އަލީ ހާލިދު ދޮގުކުރެއްވި އެވެ.












