ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭއަށް ބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމުކުރާ އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ހަރުކޮށްފި އެވެ.
އައިއެލްއެސް ސިސްޓަމަކީ އާންމު ހާލަތްތަކާއި މޫސުމީ ހާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ. އެމްއޭސީއެލުން ބުނީ އާ ރަންވޭގެ ދެކޮޅުގައި އައިއެލްއެސް ހަރު ކުރީ އިއްޔެ ކަމަށެވެ.
މީގެ ކުރިން މި އަހަރުގެ ކުރީކޮޅު ބައެއް އެއާލައިންތަކާ ގުޅިގެން އެ ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް އެމްއޭސީއެލުން ވަނީ ކޮށްފަ އެވެ.
އާ ރަންވޭ ހުޅުވީ ސެޕްޓެމްބަރު 5، 2018 ގައި، އެއިރުގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.
އެ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތަނުގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.














