ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ބޭރުގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފަށް އެ ކަމުގެ މައުލޫމާތު ފޯރުކޮށްދިނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް އެ ސަރަހަށްދަށް ބޭރުގެ އެ ބޯޓު ބެލުމުގެ ދަށަށް ގެނައީ މެންދުރު 14:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫ މުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.












