ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލެއްގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓިފައިވާތީ، އެ ޓެކްްސް އިއާދަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފި އެވެ.
ގްރީން ޓެކްސް ނެގުން ހުއްްޓޭ ގޮތް މެދުވެރިވީ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައި އިރު، ގްރީން ޓެކްސް ނަގަން ފަށާ ތާރީހެއްގެ ގޮތުގައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް އޮތުމުންނެވެ. އެކަން ހައްލުކުރުމަށް ޓަކައި ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ފާސްކުރި ބިލުން ގާނޫނަކަށް ވުމުން އަންނަ ބަދަލަކީ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ގްރީން ޓެކްސް ނަގަން ކަނޑައަޅާފައިވާ ރޭޓް އަންނަ އަހަރު ތަންފީޒުކުރަން ފެށުމާ ހަމައަށް، ކުރީގެ ރޭޓުން ގްރީން ޓެކްސް ނަގަމުން ގެންދެވޭ ގޮތް ވުމެވެ.
ގްރީން ޓެކްސް ނުނެގޭ ގޮތަށް ކުރިން ގެނައި ބަދަލުގެ ފަހުން ވެސް ބައެއް ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ޓޫރިސްޓުންގެ އަތުން ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަން ލާޒިމުކުރުމަކީ ވެސް މިއަދު ފާސްކުރި ބިލުން ކުރާ ކަމެކެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.













