ގިރިފުށީގެ އަސްކަރީ ތަމްރީނަކަށް ވައިގެ ސަރަހައްދު ބޭނުންކުރާތީ އާންމުން އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މިމަހު 20 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 6:30 އިން 10:30 އަށް ގިރިފުށީފައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އވެެ.
އެ މިނިސްޓްރީން ބުނީ އެ ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނީ ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނަށް 1300 މީޓަރަށް ކަމަށެވެ. އަދި އެ ސަރަހައްދު ބޭނުންކުރާނީ ސީ ލެވެލްއިން ފެށިގެން 300 މީޓަރު އުހަށް ކަމަށް ބުންޏެވެ.
އެ ތަމްރީނުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ އޭކޭ ސީރީޒްގެ ރައިފަލެވެ. އެއީ ހަނގުރާމައިގައި ބޭނުން ކުރުމަށް މަޝްހޫރު މަރުކާއެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.














