ވިލާ ކޮލެޖުގެ ތަފާތު 15 ޕްރޮގްރާމަކުން ޖުމްލަ 541 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
މިއަދު ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ތިން ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށެވެ. އެގޮތުން، މާދަމާ ބާއްވާ ދެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ކޯސްތަކުން 319 ދަރިވަރުން ދަސްވެނިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވީ، ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމުތަކުން ކިޔެވި ދަރިވަރުންނެވެ. ހަމައެއާއެކު އެ ކޮލެޖުގެ އެޗީވްމަންޓް އެވޯޑް ލިބޭ ދަރިވަރުންނަށް އެވޯޑް ދިނުމަށް އަންނަ އަންގާރަ ދުވަހު ވަކި ރަސްމިޔާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޖީބް ވިދާޅުވީ އެ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 170 ދަރިވަރުންނަކީ ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، މާކެޓިން އަދި ހިއުމަން ރިސޯސަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރި ދަރިވަރުން ކަމަށެވެ.
"މި ކޮލެޖުން ދަސްވެނިވާ ދަރިވަރުންނާމެދު އަޅުގަނޑުމެން ފަހުރުވެރިވަން، އެ ދަރިވަރުންނަކީ މާދަމާ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް," ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ އަދަދު 15،899 ދަރިވަރުންނަށް އަރާފައިވާ ކަން ފާހަގަކުރައްވަމުން ޑރ. ނަޖީބް ވިދާޅުވި އެވެ.

ޑރ. ނަޖީބް އިތުރަށް ވިދާޅުވީ، މިއަދު އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުން ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން ޑރ. ނަޖީބް ވިދާޅުވީ، މިއަހަރު ތެރޭގައި އިތުރު ދާއިރާތަކުން ބެޗެލާސް ޑިގްރީގެ ކޯސްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ޕްރޮޖެކްޓް މެނޭޖްމަންޓް، އެންޓަޕްރެނުއާޝިޕް، ހެލްތް ސާވިސް މެނޭޖްމަންޓް، ކައުންސެލިން، އާކިޓެކްޗާ، ސިވިލް އިންޖީނިއަރިން، ކުއެންޓިޓީ ސާވޭއިން، ފާމަސީ، ކަލިނަރީ އާޓްސްގެ އިތުރުން މާސް ކޮމިއުނިކޭޝަން އަދި ނާސިން ސްޕެޝަލައިޒޭޝަންގެ ކޯސްތައް ހިމެނެ އެވެ.
އޭގެ އިތުރަށް މިއަހަރު ތެރޭގައި ވަނީ ބައެއް ދާއިރާތަކުން މާސްޓާސް ޕްރޮގްރާމްތައް ތައާރަފު ކުރުމަށް ވެސް ނިންމާފައިވާކަން ޑރ. ނަޖީބް ފާހަގަކުރެއްވި އެވެ. އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ މާސްޓާސް ޕްރޮގްރާމްތަކުގެ ތެރޭގައި، ކައުންސެލިން އެންޑް ސައިކޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ސްޕެޝަލައިޒޭޝަންސް އިން ލޯ އަދި އެކައުންޓިންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެވެ އެވެ.












