މޫސުމަށް އަންނަ ބަދަލުތަކަށް ވިލުނުވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާ އެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ޔޫއެސްއެއިޑްގެ ފަރާތުން މިއަހަރު ރާއްޖެއާ އެކު ސޮއިކުރި ހަތަރުވަނަ ހިލޭއެހީގެ އެއްބަސްވުމެވެ. އަދި، ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ.
މި ހިލޭއެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވާން ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅި އާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުނުވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެ އެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެފަރާތުގެ އެއްބާރުލުމާއި ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ރާއްޖޭގެ އިގުތިސާދު ވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައިކަމުން، އަޅުގަނޑުމެން މިދަނީ މިފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.

ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކޮށްދޭ ކަމެއް ކަމަށާއި އަދި މި ގުދުރަތީ ވެށިން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާވުމަށް ފުރުސަތު ލިބޭނެ ކަމެއް ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެ އެވެ.
"މުޖުތަމައު ބާރުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ޝޮކްތަކާ އަސަރުތަކަށް އެފަރާތްތަކުގެ ވިލުންވެރިކަން އިތުރުކުމަށް ޔޫއެސްއޭއައިޑީގެ ފަރާތުން މަސައްކަތް ކުރާނެ. އަދި މި ކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް، އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިވުމަށް މަސައްކަތް ކުރާނެ" ޔޫއެސްއޭއައިޑީގެ ފަރާތުން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަން ޑިރެކްޓަރު ގެބްރިއެލް ގްރައު ވިދާޅުވި އެވެ.












