ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ މައްސަލާގައި ފިޔަވަޅު އެޅުމުގައި ވަކި ގައުމެއްގެ ކުންފުންޏަކަށް ވީތީ ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.
ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަކީ އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއަކަށްވާއިރު، އެ މަޝްރޫއު ހިންގަނީ ވެސް އިންޑިއާގެ ކުންފުންޏަކުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ ޕްލެޓްފޯމް ފަރަށް އެރުމުގެ ހާދިސާއާ ގުޅިގެން އިންޑިއާ ކުންފުންޏަކާމެދު ފިޔަވަޅު އަޅަން ސަރުކާރަށް ކެރޭނެތޯ އެވެ.
ޖަވާބުގައި މިއުވާން ވިދާޅުވީ ވަކި ކުންފުންޏަކަށް ވީތީ ނުވަތަ ވަކި ގައުމަކަށް ވީތީ ވަކި ގޮތަކަށް ގާނޫނު ނުހިނގާނެ ކަމަށާއި، އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށާއި، ސަރުކާރަކުން ނޫނީ އެންވާރަމަންޓް މިނިސްޓްރީން ނޫންކަން ފަހަގަކުރައްވާ އޭނާ ވިދާޅުވީ ވަކިގޮތެއް ހަދަން ނުވަތަ ވަކިގޮތެއް ނުހަދާކަށް ސަރުކާރުން އިރުޝާދެއް ނުދޭނެ ކަމަށެވެ.
އަދި ސަރުކާރުން ތަބާވާނީ ގާނޫނުތަކަށް ކަމަށާއި، ގާނޫނުތަކުގައި އަމަލުކުރަން ލިޔެފައިވާ ގޮތަކަށް އަމަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކި ގައުމަކަށް ވަކި ކުންފުންޏަކަށް، ވަކި ގައުމަކުން އެހީދީގެން ހިންގާ މަޝްރޫއަކަށްވީތީ ވަކި ގޮތަކަށް އަމަލެއް ނުކުރާނެ.
ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.
މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.












