ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރި ސިފައިންނަށް "ހިއްވަރު ގަދަ ކަމުގެ ކުލަ" ރޭ ދީފި އެވެ.
މެއި 6، 2021 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ނަޝީދަށް ހަމަލާ ދިނީ، އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި އަމިއްލަ ގެކޮޅު، ގ. ކެނެރީގެއިން ނުކުމަވަޑައިގެން ކާރުކޮޅަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. ހަމަލާ ދިނުމަށް ބޮން ހަރުކޮށްފައި ހުރީ ކެނެރީގެ ހުންނަ ނީލޯފަރު މަގާއި މަޖީދީ މަގުގެ ކަންމައްޗަށްވާ ގޮތަކަށް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގަ އެވެ.
ގޮއްވާލި ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތަކުގެ ތެރެއިން 11 ރޭޒާ ފުކެއް ނަޝީދުގެ ހަށިކޮޅަށް އަމާޒުވިއިރު، އެމަނިކުފާނު މަގު މައްޗަށް ވެއްޓުނެވެ. ވަގުތުން އެމަނިކުފާނު ގެންދެވީ ކާރުކޮޅުގައި އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެއްވުމަށް ފަހު، އިތުރު ފަރުވާއަށް ގެންދެވީ ޖަރުމަނުވިލާތަށެވެ.

ބޮމުގެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ހަށިފާރަވެރިންގެ ގޮތުގައި ތިބި ސިފައިން ދެއްކި ހިތްވަރު ފާހަގަކޮށް، ސްޓާފް ސާޖެންޓް އިލްހާމް އާދަމްއަށް، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް އާއި ހިތްވަރު ގަދަ ކަމުގެ ކުލަ ދިނެވެ.
ކޯޕްރަލް މުހައްމަދު ނިޔާޒު އާއި ލާންސް ކޯޕްރަލް މުހައްމަދު ރިޝްވާނަށް ދިނީ ހިތްވަރު ގަދަ ކަމުގެ ކުލަ އެވެ.
ސިފައިންނަށް 130 އަހަރު ފުރުން ފާހަގަ ކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި، ހާއްސަ ދެ އޮޕަރޭޝަންގައި ހިއްވަރާއި މިސާލު ދެއްކި ސިފައިންނަށް ޝަރަފުގެ ނިޝާން އެރުވި އެވެ.
ޝަރަފުގެ ނިޝާން އެރުވީ 2019 ވަނަ އަހަރު ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދޫއަށް ވަންނަން އުޅުނު ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވި ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި ސިފައިންނަށާއި، މި އަހަރުގެ މެއި މަހު ފުވައްމުލަކު ޓައިގަ ޝާކް ޕޮއިންޓަށް ގެއްލުނު ޑައިވަރު ހޯދަން ކުރި ޑައިވްގައި ބައިވެރިވި ސިފައިންނަށެވެ.

ފުވައްމުލަކުން ގެއްލުނު ޑައިވަރު ހޯދަން ފީނި ސިފައިންގެ ޑައިވަރުންގެ ޓީމަށް ޝަރަފު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ޝަރަފު އެރުވި ސިފައިންގެ ޑައިވިން ޓީމް
- މޭޖަ މުހައްމަދު ޝަފީއު
- ކޯޕްރަލް އަހުމަދު އަބްދުﷲ
- ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ
- ސާޖެންޓް އަހުމަދު ރަޝީދު
- ކޯޕްރަލް އިރުޝާދު މުހައްމަދު
- ލާންސް ކޯޕްރަލް ސަމޫހު އަލީ
ޝަރަފު އެރުވި ހަނިމާދޫ އޮޕަރޭޝަންގެ ޓީމް
- ފަސްޓް ސާޖެންޓް އަބްދުލްގަފޫރު އަބްދުއްސައްތާރު
- ސްޓާފް ސާޖެންޓް މަސްއޫދު ހަނީފު
- ސްޓާފް ސާޖެންޓް އަބްދުﷲ ސުޖާއު
- ސާޖެންޓް އިބްރާހިމް މުހައްމަދު
- ސާޖެންޓް އަލީ އަކްރަމް
މި ޝަރަފުތައް ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.












