ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ.
މި ފޮތް ރަސްމީކޮށް ލޯންޗު ކުރީ އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ.
އިލްމު އިންސްޓިޓިއުޝަން އިން މި ފޮތް ލިބެން ހުންނާނެ އެވެ. ފޮތެއް ވިއްކަނީ 250ރ. އަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ޒަކާތުގެ ފުރިހަމަ އިދާރީ، މާލީ ނިޒާމެއް މި ޒަމާނުގައި ގާއިމް ކުރާނެ ގޮތްތަކާ މެދު ދީނީ އިލްމެވެރިންގެ މެދުގައި އިލްމީ ބަހުސްތައް ކުރެވެމުންދާ ކަމަށެވެ.
މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިގުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތައް ފޮތުގައި ހިމަނާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭގެ އިތުރަށް ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި އަމަލު ކުރަމުން އައި ގޮތާއި، މުދަލު ޒަކާތް ބެހުމުގައި އަމަލުކުރަންވީ ގޮތާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރާން ޝަހީމްގެ ހިޔާލުތައް ފޮތުގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ވެސް ކުރެއްވި ޝަހީމް ލިޔުއްވި އެ ފޮތުގައި ޒަކާތާ ބެހޭ ގާނޫނެއްގެ ތަސައްވުރެއް ވެސް ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެންމެހާ ހުށަހެޅުންތަކަކީ ވެސް އިންޓަނޭޝަނަލް އިސްލާމީ ފިގުހު އެކެޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ބެހޭ އިސްލާމީ ދިރާސާތަކާއި ބައިނަލްއަގުވާމީ މަހާސިންތާތަކުގެ ނިންމުންތަކުގެ އަލީގައި ހުށަހަޅައިފައިވާ ހުށަހެޅުންތަކެއް،" ޝަހީމް ވިދާޅުވި އެވެ.

ފޮތް ރަސްމީކޮށް ލޯންޗު ކުރީ އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި - ފޮޓޯ: ޝާބިމް / އަދަދު
ޝަހީމް ވިދާޅުވީ މި ޒަމާނުގެ ފިގުހީ ހަމަތަކާއި ގަވާއިދުތަކުގެ އަލީގައި ރާއްޖޭގެ ޒަކާތު ފަންޑު ތަރައްގީކޮށް ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ގާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ފޮތުގެ ކަވަރު ހަދައިދިނީ ގްރެފިކް ޑިޒައިނަރު އަދި "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ. ލޭއައުޓް ހަދައިދިނީ އަބްދުﷲ ހުމައިދެވެ. ފޮތް ޕަބްލިޝްގެ މަސައްކަތް ވިލަރެސް ކުރެއްވީ އިސްލާމިކް އޮގަަނައިޒޭޝަން ފޮ ކަލްޗާ އެންޑް ސިވިލައިޒޭޝަންގެ ނައިބު ރައީސް އަލީ އަހުސަން އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ ފޮތް ސްޕޮންސާ ކޮށްދީފަ އެވެ. އަދި ފޮތުގެ އިލްމީ މަސައްކަތަށް އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް، ޝައިޚު މުހައްމަދު ލަތީފް ވަނީ ލަފާ ދެއްވައިފަ އެވެ.
ޝަހީމް ވަނީ މި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވައިފަ އެވެ.












