ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔެ ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެދިއްޖެ އެވެ.
އީޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ބައިވެރިވެ އެއް ދުވަހެއްގައި ދުނިޔެ ސާފުކުރުމުގެ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ދުވަހެއް ކަމަށެވެ.
މި ދުވަސް ފާހަގަކުރުމަށް މޫދާއި އެއްގަމާއި މަގުތަކުގައި ހުރި ކުނިތައް ނަގައި ސާފުކޮށް އެ ކުނިތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އީޕީއޭއިން ވަނީ ސުކޫލުތަކާއި އޮފީސްތަކުގެ އިތުރުން ރިސޯޓުތަކުން އިސްނަގައިގެން މި ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ރާވައި ހިންގުމަށް އެދިފަ އެވެ. އެގޮތުން ރާވާ ހަރަކާތްތައް މި ދުވަހަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައި ރެޖިސްޓާ ކުރުމަށް ވެސް އީޕީއޭއިން ވަނީ އެދިފަ އެވެ.
މި ދުވަސް ފާހަގަކުރުމަށް ރާވާ ހަރަކާތްތައް ހިންގުމުގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އީޕީއޭއިން އިލްތިމާސްކުރެ އެވެ.












