ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވަމުން ގެންދަވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ލ. ގަމަށް ވަޑައިގެންފި އެވެ.
ތިންވަނަ, ވިއަވަތި ކޮންފަރެންސް މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާނީ ގަމުގަ އެވެ. މި ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެ އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސްގެ އޮފީހުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެ އެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެ އެވެ. މިގޮތުން، މި ސެޝަންތަކުގެ މައުލޫއުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ހިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސްއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު، އޮންނާނެ އެވެ.
ކައުސިލްތަކަށް މާލީ ގޮތުންނާއި އަދި، ގާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ، 15 ޑިސެންބަރު 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.












