ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު, ލާމު އަތޮޅު ގަމާ ގުޅުވާލާފައިވާ ބޮޑުފިނޮޅު, އެއީ ގަމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ އިހްތިސޯސް ގަރާރުގައިވާ ގޮތުން ބޮޑުފިނޮޅު ހިމެނެނީ ގަމުގެ އިހްތިސޯސް ތެރޭގަ އެވެ. ނަމަވެސް, ކުންފުންޏަކަށް ރަށް ދޫކޮށްފައި އޮތުމުން އެތަނަށް ކައުންސިލްގެ ބާރެއް ނުހިނގަ އެވެ.
ބޮޑުފިނޮޅަކީ މީގެ 14 އަހަރު ކުރިން ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށް ދޫކޮށްފައިވަނީ މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏާ އެވެ.
ނަމަވެސް, ބޮޑުފިނޮޅުގެ މަޝްރޫއު މިހާރު އޮތީ ހުއްޓިފަ އެވެ. އެތަނަށް ގޮސް, ބަލާލުމުން ފެނުނީ ބައެއް ބިންގާތަކާއި ތަނބު ޖަހަން ހަރުކޮށްފައިވާ ދަގަނޑުތައް އެކަންޏެވެ. މިއީ, ގަމު ކައުންސިލުން ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ.
މަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު ހަމަނުވިޔަސް, ސަރުކާރުން ވަނީ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލް ކުރުމަށް ނިންމާފަ އެވެ. އަދި, އޭގެ ބަދަލު ކުންފުންޏަށް ދޭން ނިންމައި, އެތަނުގައި ސަރުކާރުން މަޝްރޫއުއެއް ހިންގަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެފައިވެ އެވެ.

އެކަމަކު, އެ މަޝްރޫއުގެ ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި، އެކަން ކުރިއަކަށް ވެސް ނުދެ އެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މި ނޫހަށް ވިދާޅުވި ގޮތުގައި, ކައުންސިލުން މިހާރު ބޭނުން ވަނީ ބޮޑުފިނޮޅު, ގަމުގެ ބިމުގެ ތެރޭގައި ހިމެނުމެވެ. އެތަނުން ކައުންސިލަށް ފައިދާ ހޯދޭނެ ކަމުގެ ޕްލޭންތަކެއް ގެންގުޅުއްވާއިރު, ޒަކީގެ ކަންބޮޑުވުމަކީ މިގޮތަށް ދިގު މުއްދަތަށް ދޫކުރާ ބިންތަކުން އެއްވެސް މަންފާއެއް ނުކޮށް, އެކަން ހުވަފެނަކަށް ވެގެންދާތީ އެވެ.
އޭނާ ފާހަގަކުރައްވާ ގޮތުގައި ބޮޑުފިނޮޅު ތަރައްގީ ކުރަން މަސައްކަތް ކުރި ގޮތުން އޭގެ ގެއްލުން ގަމަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން, އީއައިއޭ ރިޕޯޓް ގޯސްކޮށް އޮވެ, ގަމާއި ބޮޑުފިނޮޅު ގުޅާލި ގޮތުން ގަން ވަރަށް ބޮޑަށް ގިރާފައިވާ ކަމަށެވެ. އެހެންވެ, އެއީ އިހުމާލެއް ކަމަށް ގަބޫލު ކުރައްވައި, އޭނާ އެދެނީ އެކަން އީޕީއޭއިން ބަލައި, ގަމަށް ބަދަލު ހޯދައިދިނުމެވެ.
"ސަރުކާރުން ކުންފުންޏަށް ބަދަލުދޭއިރު, ގަމަށް ލިބުނު ގެއްލުމުގެ ބަދަލު ރައްޔިތުންނަށް ވެސް ލިބެންވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ," ޒަކީ ވިދާޅުވި އެވެ.













