މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޯޕަރޭޝަނުުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ މާލެ ސަރަހައްދުގެ ކުނި ނެގުމަށާއި މައިޒާންތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން ފާސްކޮށްފަ އެވެ.
ކައުންސިލުން ނިންމީ އެއްބަސްވުމުގެ ތާރީހު ޑިސެންބަރަށް ހަމަވުމުން އެ ކަން ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދާށެވެ. އެއިރުން ކައުންސިލުން ކުރަން ޖެހޭ ހޭދަ ކުޑަ ވެގެން ދާނެ ކަމަށް ވެސް ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމާ އެއްގޮތަށް މިހާރު ވެސް ވެމްކޯއިން އަމަލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް ނެރެފައި ހުންނަ ކުނި ވެސް އުކަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
"ވެމްކޯގެ އެންމެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ހާއްސަކުރެވިފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ފުރުމާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށާއި މަގުތައް ސާފުކުރުމަށެވެ. ވެމްކޯގެ މި ހިދުމަތް މެދުވެރިކޮށް މިވަގުތު ވެސް މާލޭ ސިޓީގެ މަގުތަކުގައި ގަވައިދާ ހިލާފަށް ނެރެފައި ހުންނަ އެތައް ޓަނެއްގެ ކުނި ނަގާ ދަނީ ސާފު ކުރެވެމުންނެވެ،" ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އެސްޖީ މިއަދު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މި ހިދުމަތް ދޭ ނަމަ 15 މިލިއަން ރުފިޔާގެ ފައިދާއެއް ވާނެ އެވެ.
"މުޅި ނިސްބަތުން އެބަ 30 މިލިއަން ވެމްކޯއަށް ހަރަދުކުރަން މިހާރު. އަޅުގަނޑުމެންގެ ހިސާބުން 15 މިލިއަނުން އެކަން ކުރެވޭނެ. 15 މިލިއަން ފައިދާ ވާނެ،" މުޖުތަބާ ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް، މާލޭ ސިޓީ ކައުންސިލުން ކުނި އުކާލުމަށް ހުށަހެޅި ޕްލޭންގައި ކުނި މެނޭޖު ކުރާނެ ގޮތެއް އަދި އެކަމަށް ދާނެ ހަރަދުތައް ހިމަނާފައި ނުވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި، އެ ކަން ކުރުމަށް ކައުންސިލުން ހުށަހެޅި އުޅަނދުތަކުން ހިދުމަތް ދޭނަމަ މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަން ޖެހޭނެ ކަމަށް ބަޔާނުގައި ލަފާކޮށްފައިވެ އެވެ.
"އަދި މި ކުނި މާލޭ ވޭސްްޓް ޓްރާންސްފާ ސްޓޭޝަން ހިދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ އެވެ. އަދި ކައުންސިލުން ސީދާ ތިލަފުއްޓަށް މި ކުނި ގެންދާނަމަ، އެ ކަމަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ ގިނަ ވާނެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ވެމްކޯއިން އިތުރަށް ބުނީ ކައުންސިލުގެ ނިންމުމާއެކު ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފުންގެ ވަޒީފާއާ މެދު މިހާރުު ސުވާލު އުފެދިފައިވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތައް ކުށްވެރިކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީން ކަން ވެމްކޯގެ ބަޔާނުުގައި ވަނީ ދީފަ އެވެ.











