ދައުލަތުގެ ދަރަނި އަދާކުރަމުން އަންނަ ގޮތާއި ދައުލަތުގެ ރިޒާވް އިތުރުވަމުން އަންނަ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސާފު ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އެދިވަޑައިގެންނެވީ މިއަހަރުގެ ބާކީ ބައިގައި ދަރަނި އަދާކުރަން ހޭދަވާނެ ފައިސާގެ ތަފްސީލު ހާމަކޮށްދެއްވުމަށެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ރިޒާވަށް އިތުރުވާނީ ކިހާވަރެއްތޯ އެއީ ކިހިނެތް ލިބޭ ފައިސާއެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ދައުލަތުގެ ދަަރަނީގެ ތަފްސީލު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި މީގެ ކުރިން އާއްމުކުރަމުން ގެންދެ އެވެ. އިލްޔާސް ވިދާޅުވީ މިއަހަރުގެ މިހައިތަނަށް އެ މައުލޫމާތު އޮތީ އާއްމުނުކޮށް ކަމަށެވެ.
"ޑެޓް ބުލެޓިން އޭ ކިޔާފައި ކުރީގައި، ކޮންމެ މަހަކު އެއް ފަހަރު ދައުލަތުގެ ދަރަނި އޮންނަ ވަރާ އެއަށް ހަރަދުކުރާ ވަރު ކުރީގައި އާއްމުކުރޭ، މިހާރު އާއްމުނުކުރަނީ ކީއްވެތޯ؟" އިލްޔާސް ސުވާލު ކުރެއްވި އެވެ.
އިލްޔާސްގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ޑެޓް ބުލެޓިން އަހަރަކު ދެފަހަރު ޝާއިއުކުރަމުން އަންނަ ކަމަށާއި މިއަހަރުގެ ފުރަތަ ބައިގެ ޑެޓް ބުލެޓިން ކުރިއަށް އޮތް ދުވަސްތަކުގައި ޝާއިއުކުރާނެ ކަމަށެވެ. އެއްވެސް ތަފާސް ހިސާބެއް ޝާއިއުނުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ދަރަނި އަދާކުރަން މިއަހަރުގެ ބާކީ ބައިގައި ހަރަދުވާނީ ކިހާ ފައިސާއެއްކަން ހާމަކޮށްދެއްވަން އެދިވަޑައިގެން އިލްޔާސް ކުރެއްވި ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ސުވާލު ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑު ވަކިން އެ މައުލޫމާތު އިއްޒަތްތެރި މެމްބަރަށް އަރުވާނަން،" ރިޔާސަތުން ސުވާލު ތަކުރާރުކުރެއްވުމުން އަމީރު ވިދާޅުވި އެވެ.
ރިޒާވާ ބެހޭ ގޮތުން އިލްޔާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގެ ޕްލޭނާ އެއްގޮތަށް، އަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށެވެ. ރިޒާވް އިތުރުކުރަން ފައިސާ ހޯދާނެ ގޮތާ ބެހޭ ގޮތުން އިލްޔާސް ކުރެއްވި ސުވާލަށް އެހެން ނަމަވެސް އަމީރު ޖަވާބު ދެއްވި އެވެ.
"އެޕްރޫވްޑް ބަޖެޓެޓްގެ ފައިނޭންސިން ޕްލޭނުގެ ގޮތުގައި ފާހަގަކޮށްފައި ވާނީ 200 މިލިޔަން ޑޮލަރު އެކްސްޓާނަލް ކޮށް އަޅުގަނޑުމެން ހޯދުމަށް. މިހާރު އަޅުގަނޑުމެން 100 މިލިޔަން ޑޮލަރު ހޯދައިފިން. ދެން އަނެއް 100 މިލިޔަން ޑޮލަރު އެކިއެކި ގޮތްގޮތުން ހޯދުމަށް މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ދަރަނި އަދާކުރުމާ ގުޅޭ ގޮތުން އިލްޔާސް ކުރެއްވި ސުވާލުގައި ހޯއްދަވަން އެދިވަޑައިގެންނެވި މައުލޫމާތު އޭނާއާ ވަކިން ހިއްސާކުރައްވާނެ ކަމަށް އަމީރު ވިދާޅުވުމުން، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު ދެކޭ ގޮތުގައި ވަޒީރަކާ ސުވާލުކުރެވުނީމާ މިތާގައި އެ ޖަވާބު ދިނުމަކީ އަޅުގަނޑުމެންނަށް ވެސް ވަރަށް އެދެވިގެންވާ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދަރަނި އަދާކުރަން ހަރަދުވާނެ ފައިސާގެ ތަފްސީލު މަޖިލީހުގެ ތަޅުމުގައި ވަގުތުން ނުދެއްވީ ރަނގަޅު އަދަދުތައް ވިދާޅުނުވެވިދާނެތީ ކަމަށެވެ.












