ގްރީން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީ ރަށްރަށަށް ދޭން ޖެހޭ ކަމަށާއި އެ ފައިސާ ހަރަދުކުރަން ޖެހޭނީ އެ ޓެކްސްގެ މަގުސަދާ އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ގްރީން ޓެކްސް ނެގުން ހުއްޓޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުގެ މައްސަލަ ހައްލުކޮށް އެ ޓެކްސް އަލުން ނަގަން ފެށުމަށް ޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ގްރީން ޓެކްސް ނަގައިގެން ލިބުނު އާމްދަނީން ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.
ގްރީން ޓެކްސް އެންމެ ގިނައިން ދައްކާ ބައެއް ރަށްރަށުގައި ތިމާވެށީގެ ބޮޑެތި މައްސަލަތައް ހައްލުނުވެ ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ހުރިހާ މެމްބަރުން ވެސް އެބަ އިއްތިފާގުވޭ ގެސްޓްހައުސްތައް އެންމެ ގިނައީ މާފުށީގައި ކަމަށް. ކުނީގެ މައްސަލަ ވެސް އެންމެ ބޮޑު އެެއް ރަށަކީ މާފުށި. އެހެންވީމާ ކޮބައިތޯ ގްރީން ޓެކްސް ނަގަން ފެށިފަހުން ހަ އަހަރު ވެގެން ދިޔަ އިރު ހޯދައިދެވުނު ހައްލެއް،" ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިން ކޮންމެވެސް މިންވަރެއް، އެ ޓެކްސް ނެގި ރަށަކަށް ދޭން ޖެހޭ ކަމަށެވެ. އެއީ އެރަށެއްގެ ކުނީގެ މައްސަލަ ހައްލުކުރުމަށާއި ތިމާވެށީގެ އެހެން މައްސަލަތައް ހައްލުކުރަން ހަރަދުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގްރީން ޓެކްސް ނަގަން ފެށީ މި މަގުސަދަށް ޓަކައި. ތިމާވެށި ހިމާޔަތްކުރުމަށް، ކުނީގެ މައްސަލަ ހައްލުކުރުމަށް، އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް އެ މައްސަލަތައް ދަނީ ބޮޑުވަމުން،" އޭނާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގްރީން ޓެކްސް ނަގަނީ ވަކި ބޭނުމަކަށް ކަމަށާއި އެ ޓެކްސްއަށް ވަކިނަމެއް ކިޔަނީ ވެސް އެހެންވެ ކަމަށެވެ. ވަކި ކަމަކަށް ނަގާ ޓެކްސް އެނޫން ކަމަކަށް ބޭނުންކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ކުށެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ވެސް ގްރީން ޓެކްސް ނަގާ ކަމަށް ވަންޏާ އެ ޓެކްސް ބޭނުންކުރަން ޖެހޭނީ އެއާ ގުޅޭ ކަންކަމަށް. ތިމާވެށީގެ ބޭނުމަށް، ކުނި ނައްތައިލުމަށް އަދި މޫސުމީ ބަދަލުތަކުން، އަަޅުގަނޑުމެން އެ ބަދަލުވާން ޖެހޭ ޖެހުން ނުވަތަ އެޑަޕްޓްވާން ޖެހޭ ޖެހުމާ ހެދި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޓަކައި އެފައިސާ ބޭނުންކުރަން ޖެހޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުން ނަގާ ގްރީން ޓެކްސްގެ ހުރިހާ ފައިސާއެއް އެ ރަށްރަށަށް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ރިސޯޓްތަކާއި ސަފާރީތަކުން ނަގާ ޓެކްސް ފައިސާ، ނުބަހައި ތިމާވެށީގެ ކަންކަމަށް ދައުލަތުން ހަރަދުކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުން ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ އެރަށަކާ ގުޅޭ ކަމަކަށޭ ހަރަދުކުރެވެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގައި ތިމާވެށީގެ މައްސަލަތައް ބޮޑުވެ، އެކަަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެގެން، ފަންޑެއް ހަދަން ކަމަށެވެ. އެހެންވީމާ ގްރީން ޓެކްސް ނަގަނީ ތިމާވެށީގެ ކަންކަމަށްތޯ ނުވަތަ ނޫންތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ހަމަ އަަޅުގަނޑު ވަރަށް ތަކުރާރުކޮށް ދަންނަވަން، ގްރީން ޓެކްސް، އެހެން ޓެކްސްތަކުގެ ވާހަކަ ދައްކާކަށް ނެތިން، ގްރީން ޓެކްސް ބެހިގެން ދާން ޖެހޭނެ އެ ރަށަކަށް ހިއްސާއެއް ވެވޭ ގޮތަށް،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގްރީން ޓެކްސްގެ ފައިސާ ރަށްރަށުގެ ފެނާ ނަރުދަމާއަށް ސަރުކާރުން ހޭދަކުރާކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ރަށްރަށުގެ ތިމާވެށީގެ މައްސަލަތައް އިންތިހާއަށް ބޮޑު ކަމަށާއި ކުއްލިއަކަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ވެސް ގިނަ ކަމަށެވެ. އެކަހަަލަ ކަންކަމަށް ހޭދަކުރާނެ ފަންޑެއް އޮތުން މުހިއްމު ކަމަށާއި ގްރީންޓެ ކްސް ނަގަނީ އެ ބޭނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













