ރާއްޖޭގެ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ، ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުލަނުން އަންގައިފި އެވެ.
ޖޯން ވަޒީފާއިން ވަކި ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނާ ވަކިކުރީ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށް ޕެންޝަން އޮފީހުން އެއިރު ބުންޏެވެ.
ޕެންޝަންގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ޓްރައިބިއުނަލަށް ޖޯން ހުށަހެޅީ އޭނާ ވަކިކުރީ އިންޒާރެއް ނެތި ކަން ފާހަގަކޮށް، ވަޒީފާ އަނބުރާ ހޯދުމަށާއި ހަ މަސް ދުވަހަށް ވާ މުސާރަ ނަގައިދިނުމަށް އެދި އެވެ.
އަދި، އެ މައްސަލައިގައި އޭނާގެ ނަމަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް ޖޯން އެދިފައިވެ އެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން މި މަހުގެ އެއް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި އޮތީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
އެހެންނަމަވެސް، އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު (215،880ރ.) އެއް މަސް ދުވަހުގެ ދެއްކުމަށް ޕެންޝަން އޮފީހުގެ މައްޗަށް ވަނީ އަމުުރުކޮށްފަ އެވެ.













