ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމުގެ ބޭނުމުގައި މި ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުތަކުގައި ވަޒީފާ ބޭނުންވެގެން 7،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ވަޒީފާ ބޭނުންވެގެން ޖޮބް ސެންޓަރުގައި މިހާތަނަށް 7،262 މީހުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.
އެ ސެންޓަރުގައި ރަޖިސްޓްރީކުރި ވަޒީފާ ދޭ ފަރާތްތަކުގެ އަދަދު 1،917 ގައި ހުރި އިރު، އެ ސެންޓަރު މެދުވެރިކޮށް 2،216 ވަޒީފާއަށް ވަނީ އިއުލާނުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހަމަޖައްސައިދެވުނު މީހުންގެ އަދަދު އުޅެނީ އެންމެ 31 ގައި އެވެ.
އެ އަދަދު އެހާ މަދުވުމާ ގުޅޭގޮތުން "އަދަދު"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ސްޕެޝަލިސްޓް ނައުފަލް އަމްޖަދު ވިދާޅުވީ އެ އަދަދަކީ ސީދާ ޖޮބް ސެންޓަރުގައި ވަޒީފާ ލިސްޓުކޮށް، އިންޓަވިއުކުރެވި ވަޒީފާ ހަމަޖެއްސުމުގެ ހުރިހާ ކަމެއް ސެންޓަރުގެ ތެރެއިން ކުރެވުނު މީހުންގެ އަދަދު ކަމަށެވެ.

މިގޮތުން، ސެންޓަރުގައި ވަޒީފާ ލިސްޓު ކުރި ނަމަވެސް، އިންޓަވިއު އަދި ރެކްރޫޓްމަންޓް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ މީހުނާ ދެމެދު ކުރިއަށް ގެންދެވޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންކަމުން، ޖޮބް ސެންޓަރުގެ ތެރެއިން 30 ވަޒީފާ ހަމަޖެހުނު ކަމަށް ދެއްކި ނަމަވެސް، ސެންޓަރު މެދުވެރިވެގެން އެއަށްވުރެ ގިނަ ވަޒީފާ ހަމަޖެހިފައިވާނެ ކަމަށް ބެލެވޭ،" ނައުފަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޖޮބް ސެންޓަރުގެ ތެރެއިން ރެކްރޫމަންޓް ފުރިހަމަކޮށްފި ނަމަ، ޕޯޓަލްގެ ތެރެއިން އެކަން ފާހަގަކުރެވޭ ގޮތަށް އޮތް ނަމަވެސް، އެކަން ވަޒީފާ ދޭ ބައެއް ފަރާތްތަކުން ނުކުރެ އެވެ.
މީގެ އިތުރުން، ސެންޓަރުގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން އެހެން ގޮތަކުން ވަޒީފާ ހަމަޖެހުނު ނަމަވެސް، ޕްރޮފައިލް އަޕްޑޭޓް ނުކުރާ ކަން ވެސް ނައުފަލް ފާހަގަކުރެއްވި އެވެ.
ޖޮބް ސެންޓަރުގެ ހިދުމަތް ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ދިނުމުގެ ބަދަލުގައި ހުޅުމާލެ އާއި ބައެއް ރަށްރަށުގައި މަރުކަޒު ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޖޮބް ސެންޓާ ޕޯޓަލް ވެބްސައިޓް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވަޒީފާ ހޯދާ މީހުންނަށް ހާއްސަ ޕޯޓަލް އާއި ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަ ޕޯޓަލްގެ އިތުރުން ވަޒީފާތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް ހާއްސަ ޕޯޓަލް އެކެވެ.












