ހެލްތް މިނިސްޓްރީގެ ދަށުން ވަކިކޮށް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ގަވަނަންސް ބޯޑެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފި އެވެ.
ބޮޑެތި ހޮސްޕިޓަލުތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން އަންނަނީ ބޯޑުތަކެއް އެކަލަވާލަމުންނެވެ. މި އުސޫލުގެ ދަށުން އުނގޫފާރު ހޮސްޕިޓަލުގެ ބޯޑަށް ވެސް ރައީސް ވަނީ މިއަދު ހަ މެންބަރުން އައްޔަނުކޮށްފަ އެވެ.
މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހު އައްޔަންކުރައްވާފައިވަނީ ރ.މަޑުއްވަރި އެމްޓޭޝަންގެ، މުހައްމަދު ސާމިއު އެވެ. އެ ހޮސްޕިޓަލު ބޯޑުގައި ދެން ހިމެނޭ ބޭފުޅުންނަކީ:
- ޑރ. ހައްވާ އިނާޔާ އަބްދުއްރަހީމް (އަލަމާގެ، ތ.ވިލުފުށި)
- ފާތިމަތު ނަޝީދާ މުހައްމަދު (މ.މުތާފުށި ، މާލެ)
- އަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
- އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
- މޫސާ އުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)
މި ބޯޑު އުފެއްދުމާއެކު އެ އަތޮޅުގެ 14 ސިއްހީ މަރުކަޒު ބަލަހައްޓަމުން ގެންދާނީ މި ބޯޑުންނެވެ.
މީގެ ކުރިން ރައީސް ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިލް ހޮސްޕިޓަލުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ބޯޑު ވެސް އެކުލަވާލައްވައިފަ އެވެ.













