ވެރިކަން ކުރާ މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ފަރަށް އެރި ލަންދޫ ބޯޓުގައި ތިބި ގިނަ މީހުން ކ. ގާފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ލަންދޫ ބޯޓު ދިޔަވެ، ގާފަރު ފަރަށް އެރީ މިއަދު ހެނދުނު 10:55 ހާއިރެވެ.
ކޯސްޓްގާޑުން އެ ސަރަހައްދަށް ދިއުމުގެ ކުރިން ހާދިސާގެ މައުލޫމާތާއެކު ގާފަރު މީހުންނާއި އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެނިހެން އުޅަނދުތައް ވެސް ދަނީ ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯޓުގައި ތިބި ގިނަ މީހުން ގާފަރަށް ގެންގޮސްފައިވާއިރު، ބޯޓު ފަރަށް އެރި ވަގުތު، ބޯޓުގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނުވެ އެވެ.
ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވާ ގޮތުގައި ލަންދޫ ބޯޓު މިހާރު އޮތީ ގާފަރު ފުއްޓަރު ފަރާތު ތޮށި މައްޗަށް އަރުވާލާފައެވެ. އަދި ބޯޓު ކައިރީގައި ޕޮލިސް ލޯންޗާއި ސަޕްލައި ދޯންޏެއް ހަރަކާތްތެރިވާއިރު، ބޯޓު އެ ހިސާބަށް އައިއިރު ގިނަ މުދާތައް ވެސް ކަނޑަށް އުކާލާފައިވާ ކަމަށް އޭނާ ބުނެ އެވެ.

ލަންދޫ ބޯޓު ފަރަށް އެރީ މޫސުން ގޯސްވެ، އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި އޮއްވަ އެވެ.













