މާލެ މަސް މާރުކޭޓުގެ މަތީ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ އެ ތަން ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، ސިޓީ ކައުންސިލުން އެ ގޮތަށް ނިންމީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ޑްރަގް އެންފޯސްމަންޓް ޔުނިޓްއާ ގުޅިގެން ކަމަށެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ އެ ތަން ބަންދުކޮށްފައިވަނީ މަތި ބައި ފެންސުކޮށް ނިމެންދެކަށް ކަމަށެވެ.
މަސް މާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނާ ތަން ބަންދުކުރީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި ބައެއް ކައުންސިލަރުން އެ ތަނަށް ދިއުމަށް ފަހު އެވެ.
މަސް މާރުކޭޓުގެ މަތީ ބައި އޮންނަނީ އެކި ވިޔަފާރިތައް ކުރަން އަމިއްލަ އެކި ފަރާތްތަކަށް ކުއްޔަށް ދީފަ އެވެ. މިއަދު ބަންދުކުރީ މަތީގައި ހިމެނޭ އޭގެ އެއް ބައެކެވެ.

އެ ތަނުގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ، އެ ތަން ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ އެހެން ފަރާތްތަކުން ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެ އެވެ.













