ވިޔަފާރި ދާއިރާއިން އަންހެނުން ކުރިއަރުވަން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ، އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖެ ބްރާންޗް މިއަދު އިފްތިތާހު ކޮށްފި އެވެ.
މި ބްރާންޗް އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
އޭބީޑަބްލިއުސީއައި އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ވާޗުއަލް ޗެމްބަރެކެވެ. މި ޗެމްބަރުގައި އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމްއިއްޔާތަކާއި، ތައުލީމީ މުއައްސަސާތަކުގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ފާހަގަކޮށްލެވޭ މީހުންނާއި، ޖަމްއިއްޔާތައް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
"ރާއްޖޭގައި އޭބީޑަބްލިއުސީއައިގެ ބްރާންޗެއް ހުޅުވިގެން ދިއުމާއެކު އަންހެނުންގެ ކުރިއެރުމަށް ގިނަ ދޮރުތަކެއް ހުޅުވި، ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ" އޭބީޑަބްލިއުސީއައި ރާއްޖެ ބްރާންޗް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ކަންޓްރީ ޕްރެޒިޑެންޓް ރަހީމާ އާދަމް ވިދާޅުވި އެވެ.
ރަހީމާ ވިދާޅުވީ ރާއްޖޭގައި އެ ޗެމްބަރުގެ ބްރާންޗެއް ހުޅުވުމުގެ މަގްސަދަކީ ވިޔަފާރީގެ ދާއިރާއިން މަސައްކަތް ކޮށްގެން އަންހެނުންގެ ދިރިއުޅުން ބަދަލުކޮށް، މާލީ ތަނަވަސްކަން ހޯދައިދިނުމާއި ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ އިތުރަށް، ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަންހެނުންނަށް ބޭނުންވާ އެއްބާރުލުން ދިނުން ކަމަށެވެ.

އަދި އެ މަގްސަދު ހާސިލުކޮށް ވީހާވެސް ގިނަ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށްޓަކައި، ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުމަށް ރާއްޖެ ބްރާންޗުން މަސައްކަތް ކުރާނެ ކަމަށް ރަހީމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާއިން އަންހެނުންނަށް ތަމްރީނު ދިނުމުން، އެމީހުން އުފެއްދުންތައް ޕްރޮމޯޓުކޮށް، މާކެޓުކުރުމާއެކު، ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަންހެނުންނަކީ ގޭގައި ތިބެ މަސައްކަތް ކުރާ ބައެއް ކަމަށް ބުނާ ބުނުމާ ދުރަށް ދެވޭނެ ކަމަށް ވެސް ރަހީމާ ވިދާޅުވި އެވެ.













