ސަސްޕެންޑު ކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް އެ މަގާމުން ވަކިކުރަން މިއަދު ފާސްކޮށްފި އެވެ.
ހަލީމް މަގާމުން ވަކިކުރުމާ މެދު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އޭނާ ވަކިކުރަން ފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވެވިއިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިނުވެ އެވެ.
ހަލީމް ސަސްޕެންޑް ކުރީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރެއިގަ އެވެ. އޭނާ ސަސްޕެންޑު ކުރީ މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ނަމަވެސް, މިހާތަނަށް ވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް މަޖިލީހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ހަލީމް ސަސްޕެންޑު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގު ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމު ހަލީމް ފުރުއްވަމުން ގެންދަނީ 2013 ވަނަ އަހަރު އެ މަގަމު އުފެއްދީންސުރެ އެވެ. އޭގެ ކުރިން ހަލީމް ވަނީ އެމްއެންޑީއެފްގައި ވެސް މަސައްކަތް ކޮށްފަ އެވެ.














