ސަސްޕެންޝަނުގައި ހުންނަތާ ދޮޅު އަހަރު ފަހުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހަލީމް ވަކި ކުރުމުގެ މައްސަލަ މިއަދު ވަނީ މަޖިލީހުގައި އެޖެންޑާ ކޮށްފަ އެވެ.
ހަލީމް ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އޭނާ ސަސްޕެންޑު ކުރީ މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ނަމަވެސް, މިހާތަނަށް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް މަޖިލީހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ހަލީމް ސަސްޕެންޑު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގު ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމު ހަލީމް ފުރުއްވަމުން ގެންދަނީ 2013 ވަނަ އަހަރު އެ މަގަމު އުފެއްދީންސުރެ އެވެ. އޭގެ ކުރިން ހަލީމް ވަނީ އެމްއެންޑީއެފްގައި ވެސް މަސައްކަތް ކޮށްފަ އެވެ.













