ހއ. އިހަވަންދޫއަށް އުފަން އަބްދުﷲ މުހައްމަދު ނުވަތަ އާންމު ނަމުންނަމަ "އައްދޯބެ" (54އ) ފަތިސްނަމާދުކޮށްލައިގެން، މިދިޔަ ބުރާސްފަތި ދުވަހު ނިކުތީ ވަދާ ދިއުމަށެވެ. މަސްވެރިކަން ކުރުމުގައި މުޅި ހަޔާތް އެކޮށް ހޭދަކޮށްފައިވާ އައްދޯބެ އާންމުގޮތެއްގައި މަހަށް ނިކުންނަނީ އިތުރު މީހަކާއެކު ނަމަވެސް އެ ދުވަހު މަހައް ފުރަންޖެހުނީ އެކަންޏެވެ.
ހެނދުނު 6:00 ހާއިރު ނިކުއިން އަބްދޯބެ ޑިންގީގެ މިސްރާބު ބެހެއްޓީ ގައްލަންދޫ ކަނޑުއޮޅިއާ ދިމާއަށެވެ. އޭނާ ބުނިގޮތުގައި އެ ސަރަހައްދަކީ އާންމު ގޮތެއްގައި ހިބަރާއި ކަންނެލި މަސް ބާނައި އުޅޭ ހިސާބެކެވެ.
"އެ ސަރަހައްދުން ހިބަރާ ކަންނެލި ބާނާނީ ދިރޭ ލައްޓި އެއްޗެހި އަޅުވައިގެން،" ބުރާސްފަަތި ދުވަހު މާސިންގާ ހިބަރެއް ބޭނި ގޮތް ކިޔާދެމުން އަބްދޯބެ ބުންޏެވެ.
އެދުވަހު އޭނާ އުޅުނީ، ވަދުގައި ޖެހުނު ލައްޓިއެއް ނަނުގައި ޖަހައިގެން އެ މޫދަށް ދޯކޮށްގެން ޑިންގީ މަޑު ދުވެއްޔަށް ޖައްސައިގެން އިންދައި ފުރަތަމަ ހިފީ ކަންނެއްޏެކެވެ. އޭގައި ގާތްގަނޑަކަށް 25ފަންސަވީހަކަށް ކިލޯ ހުންނާނެ ކަމަށް ބުންޏެވެ.

އައްދޯބެ ބޭނި ހިބަރާއެކު ރަށަށް އަންނަނީ-- ފޮޓޯ: އިހަވަންދި މަސްވެރިން

ކަންނެލި ތިލަކޮށް ޑިންގީއަށް އެރުވުމަށްފަހު ދެންވެސް އަބްދޯބެ ބެލީ ލައްޓިއެއް އަތުވޭތޯ އެވެ. އަނެއްކާވެސް ލައްޓިއެއް ނަނުގައި ޖަހައި ވައްޓާލުމަށްފަހު މަޑުމަޑުން ދުއްވާން ފެށި އެވެ.
"އެ ލައްޓި ޖަހާފަ ހަމަ ދޫކޮށްލި އިރަށް އެއްޗެއް ގަތްފިކަން އެނގިއްޖެ. އެކަމަކު އެއީ ކޯއްޗެއްކަމެއް ނޭނގުނު ފެނުން މައްޗަށް ނާރާތީ،" އަބްދޯބެ ބުންޏެވެ.

އައްދޯބެ ބޭނި ހިބަރު-- ފޮޓޯ: އިހަވަންދި މަސްވެރިން
ގަނެފައި އޮތީ ހިބަރެއްކަން އެނގުނީ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ފަހުން މަސް ފެނުން މައްޗައް ފުއްމާލުމުންނެވެ. މަސްހިބަރަކީ އަވަހަށް ބަލިކޮށްލެވޭނެ މަހެއްނޫނެވެ. އެކަން އައްދޯބެއަށް މާ ރަނގަޅަށް އެނގެ އެވެ.
"އެހެން ނޫނީ އެނގޭނެ ނަނުގަ ހިފާއިރަށް ކޮން ކަހަލަ މަހެއްކަން. މިފަހަރު ނަނުގައި ހިފިމަސް އެއްގޮތަކަށްވެސް މައިތިރިވާގޮތެއް ނުވި،" އޭނާ ބުންޏެވެ.
"މަސް ހިބަރެއްކަން އެނގުނީމައާ އެއްކޮށް ދެން ހުރީވެސް ވަރަށް ބަލި އާލަތްތައް. އެވަރުގެ އެއްޗެއް ބޭނިގެން އުޅޭވަރުގެ އާލާތްތަކެއް ނުހުންނާނެތާ ވަދާ ދާއިރަކު،"

އައްދޯބެ ބޭނި ހިބަރު ޑިންގީގައި އައްސައިގެން ރަށަށް ގެނެސްގައި-- ފޮޓޯ: އިހަވަންދި މަސްވެރިން
ހިބަރު ފެނުން މައްޗަށް ތިލަކޮށް ނިމުނީ މެންދުރުން އެބުރި 3:00ވެސް ޖެހި ފަހުންނެވެ. އޭރު ހިބަރު އޮތީ މަރުވެފަ އެވެ. ޑިންގީއަށް ހިބަރު ނުލެވޭނެތީ މަސް ރަށާ ހަމައަށް ގެނައީ ޑިންގީގައި ކަފުޖަހައިގެންނެވެ.
"އޮޑިއަކަށް ނުނަގަން. އެހާ ބޮޑު އެއްޗެއް ކިހިނެތް އެކަނި އޮޑިޔަށް ނަގާނީ. ފެނުން މައްޗަށް ނަގާފަ، ޑިންގީގައި ބަނދެލީ. ފެނުން މައްޗަށް ނަގާފަ ހަތަރު ދިމާލުން ވާޖެހީ. އޭތިވެސް ބަލިވީ އެހާ ގިނައިރު އުޅެއުޅެ. އެހެންވެ އެ ނެގުނީ މައްޗަށް،"

އައްދޯބެ ބޭނި ހިބަރު އެއްގަމަށް އަރުވަނީ-- ފޮޓޯ: އިހަވަންދި މަސްވެރިން
ޑިންގީ ދުއްވާފައި ރަށަށް އައިސް އެއް ގަމަށް އެރުވުންވެސްވީ ބޮޑު ކަމަކަށެވެ. އިތުރު ހަ މީހުން ހޯދައިގެން އެއްގަމަށް އެރުވުނުއިރު ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަވި ކަމަށް އައްދޯބެ ބުންޏެވެ.
ހިބަރު ބުރިބުރި ކޮށް ކިރާލިއިރު ބަރުދަނުގައި 119 ކިލޯހުއްޓެވެ.
"ކައްޓާއަކުން އެވަރުގެ ހިބަރެއް ނުކިރޭނެތީ ބުރި ބުރު ކޮށްގެން ކައްޓާއިން ކިރީ،"

އައްދޯބެ ބޭނި ހިބަރު ބުރި ކުރުމަށްފަހު ކިރަނީ-- ފޮޓޯ: އިހަވަންދި މަސްވެރިން
ރާއްޖޭގައި ހަތަރު ވައްތަރެއްގެ ހިބަރު ބާނަ އެވެ. އޭގެ ތެރެއިން އާންމުކޮށް ބާނަނީ ފަން ހިބަރެވެ. ދެން ހުންނަނީ އައްދޮބެ ބޭނި ކަހަލަ މަސް ހިބަރާއި އިލި ހިބަރު އަދި ކޯމަސް ހިބަރެވެ.
ރާއްޖޭގައި މިއަށްވުރެ ބޮޑެތި ހިބަރުވެސް ބާނަ އެވެ. ނަމަވެސް ހިމަ ކަންވާރެއްގައި އެކަނި މީހަކު އުޅެގެން މިވަރުގެ ހިބަރު ބާނާފައި ހުރީ ވަރަށް މަދުންނެވެ.












