ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހާއްސަކޮށް ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ 'ޑޮމެސްޓިކް ވަޔެލެންސް ޝެލްޓާ' އަޅާނެ ބިން ހަމަޖައްސައިފި އެވެ.
ހުޅުމާލޭގެ އިތުރުން، ރ.އުނގޫފާރު އަދި އައްޑޫ ހިތަދޫގައި ވެސް އެފަދަ މަރުކަޒުތައް ގާއިމުކުރާނެ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖެންޑާ މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އަދި އެޗްޑީސީންނެވެ.
މި އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ހުޅުމާލޭގައި ގާއިމްކުރާ ޑީވީ ޝެލްޓާ ފަސް އަހަރަށް ބަހާލެވިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާ އެކު ކުރިޔަށް ގެންދާ މަޝްރޫއުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ހިމެނޭ ކަމެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"ލާމަރުކަޒީކޮށް ހިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.












