"އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު މޮޅުވާން މަސައްކަތް ކުރާ ތަނެއް ނުފެނޭ. ހުރިހާ ކުދިން ވެސް ވަރަށް ގުޅިގެން އަނެއް ކުއްޖާއަށްވެސް ވިސްނާފައި ކުރާ ކަމެއް ކުރާނީ. ސްކޫލުން ވެސް ދީނީ ކަންކަމަށް ދިން އިސްކަމާއި ކުދިންގެ މުސްތަގުބަލަށް ވިސްނައިގެން ކުރި ކަންކަން އެއީ ކަންނޭނގެ އަސްލު ރަނގަޅު ކާމިޔާބީއެއް ލިބުމުގެ ސިއްރަކީ،"
2010 ވަނަ އަހަރު އައްޑޫގައި ފެށި ހިރާ ސްކޫލުގެ ފުރަތަމަ 50 ދަރިވަރުންގެ ތެރޭގައި ހިމެނުނު، ފާތިމަތު ތަރަފް އަލީ ޒަރީރު (17އ)ގެ މަންމަ އައިޝަތު ރަމްލާ ކިޔާދިނީ އެ ސްކޫލަށް އޯލެވެލް އިމްތިހާނުގެ ނަތީޖާ އިން ހޯދި ރަން ކާމިޔާބީ ސިއްރެވެ.
ގްރޭޑް 10ގެ ދަރިވަރުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ރަނގަޅު ކަމުގެ ވާހަކަ އެވެ. ޓީޗަރުންނާއި މުޅި ސްކޫލު ވެސް ދަރިވަރުންގެ މުސްތަގުބަލަށް ކޮށްދިން އެތައް ކަމެއްގެ ވާހަކަ އެވެ. އެ ކުދިންނަކީ އޯލެވެލް ނިންމާ ގޮތަށް ވެސް މުޖުތަމައުއަށް ނުކުމެ އެކަނި އުޅެވޭނެ ކުދިބަޔަކަށް ހެދުމަށް ސްކޫލުން ކުރި މަސައްކަތްތަކުގެ ވާހަކަ އެވެ.
ޖީސީން ރަން ކާމިޔާބީއެއް ހޯދުމަށް ކުދިން ކުރި ހިތްވަރާއި ސްކޫލުން ދިން އެއްބާރުލުމެވެ. ޓީޗަރުންވި ގުރުބާނީ އާއި ސްކޫލުން ބުނި ކޮންމެ ކަމަކަށް ބެލެނިވެރިން ތައްޔާރަށް ތިބި ކަމެވެ.
ފުރަތަމަ އޯލެވެލް ބެޗް؛ ހުރިހާ ދަރިވަރުންނަށް "އޭ" އާއި "އޭ ސްޓާ"
މީގެ 12 އަހަރު ކުރިން އެ ސްކޫލުގެ ފުރަތަމަ ޕްރީ ސްކޫލުން ފެށި ބެޗުން އޯލެވެލްގައި ބައިވެރިވީ ފިރިހެން ދަރިވަރަކާއި ހަ އަންހެން ދަރިވަރެކެވެ. ސްކޫލު ފެށިގެން އައިއިރު، ކިޔަވައިދޭ މޮޑެލް ތަފާތުވުމާއި ދަރިވަރުންނަށް ކިޔަވައިދޭ ގޮތް ތަފާތު ކަމުން ބެލެނިވެރިން ވެސް ހިތްހަމަ ނުޖެހުނެވެ. އެކަމާ އެތައް ބަޔަކު ފާޑުވެސް ކިޔެވެ.

"އަލަށް ސްކޫލަށް ވެއްދިއިރު ވަރަށް ހާސްވި. އަލަށް ފެށި ސްކޫލަކަށް ވެފައި އަލަށް ދަރިފުޅު މި ސްކޫލަށް ވެއްދީމަ. ނަމަވެސް މަޑުމަޑުން ދުވަސް ވަމުން ދިޔަވަރަކަށް ސްކޫލާމެދު އޮތް އިތުބާރު ބޮޑުވަމުންދިޔަ. އެއީ އެހެން ސްކޫލުތަކާ ވަރަށް ތަފާތު ގޮތަކަށް ކިޔަވައިދެތަން ފެންނަން ފެށީ،"

ހިރާ ސްކޫލުން މި އަހަރު ޖީސީ ނިންމި ދަރިވަރުން-- ފޮޓޯ: ހިރާ ސްކޫލު/ފޭސްބުކް
"ދަރިފުޅު ގެއަށް އައީމަ ފިލާވަޅު ހުރިތޯ ނުވަތަ އެއްޗެއް ގެއަށް ދީފައި އޮތްތޯ ބަލާކަށް ނުޖެހޭ. އުޅޭ އުޅުމުންނާއި ކަންތައް ކުރާ ގޮތުން އެނގޭ ކޮންމެވެސް އެއްޗެއް އެބަ ހާސިލް ވާކަން ދަރިފުޅަށް." ރަމްލާ ބުންޏެވެ.
އޭނާ ބުނީ އަލަށް އޯލެވެލް ހަދާ ސްކޫލަކަށް ވުމުން މި އަހަރު އޯލެވެލް ފެށުނުއިރުވެސް ހާސްވި ކަމަށެވެ. ނަމަވެސް ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުގެ ސަބަބުން އެއްވެސް ކަމެއް ގޯސްކޮށް ނުދާނެ ކަމުގެ އިތުބާރު ލިބު ކަމަށް ރަމްލާ ކިޔައިދިނެވެ.
ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވީ މިއީ އަލަށް އޯލެވެލް ނިންމި އާ ސްކޫލަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ލިބުނު ކާމިޔާބީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެކެމުން އައި ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯލެވެލްގެ ހުރިހާ މާއްދާއަކުން ދަރިވަރުން ހޯދީ އޭ ފާސް އާއި އޭ ޕްލަސް. އަޅުގަނޑުމެން ބެލީ ވީ ވަރަކުން ސްކޫލުން އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް. ސްކޫލު ނިމުނީމަވެސް އެ ކުދިން އައިސް ސްކޫލުގަ ކުދިންގެ ވޯކިން ސްޓޭޝަން ސްކޫލުގަ ހަދައިގެން ޓީޗަރެއްގެ އެހީއެއް ބޭނުން ވެއްޖެނަމަ ޓީޗަރުން ވެސް އެވެއިލެބުލްވެ ތިބެގެން ކުރިއަށް ގެންދިޔައީ،" ސިތާރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންނަށް އެ ސްކޫލަކީ ސްކޫލެއްކަން އިހުސާސްވިޔަ ނުދީ އަމިއްލަ ގޭގައި ކިޔަވާ، އުޅުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
ސްކޫލުން، ދީނީ ކަންކަމާއި ދިރިއުޅެން ދަސްކޮށްދިން!
އެންމެ އިސްކަމެއް ދިނީ، ދީނީ ކަންކަމަށް އިސްކަން ދިނުމަށްފަހު އުފާވެރި، މިނިވަން މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައި ދިނުމަށް ކަމަށް ސިތާރާ ފާހަގަ ކުރެއްވި އެވެ.
ދީނާ އެއްގޮތަށް އަމަލުކުރުމަކީ ހުރިހާ ކަމެއްގައި ވެސް އޮތް ގޮތް ކަމަށާއި "އިސްލާމް އިޒް އަ ވޭ އޮފް ލައިފް" ކަން ބުނެދީ އެކަމަށް އަހުލުވެރި ކުރުވުމަށް ބާރުއަޅާ ކަމަށް ސިތާރާގެ ވިދާޅުވި އެވެ.
ތަރަފްގެ މަންމަ ރަމްލާ ވެސް ފާހަގަ ކުރީ ސްކޫލުން ދަސްކޮށްދޭ ދީނީ ކަންކަމާއި ދިރިއުޅުމުގެ ކަންކަމުގެ ސަބަބުން އެ ކުދިންނަށް އައި ބަދަލުތަކެވެ.

ހިރާ ސްކޫލުން މި އަހަރު ޖީސީ ނިންމި ދަރިވަރުން ގްރޭޖުއޭގައިގައި-- ފޮޓޯ: ހިރާ ސްކޫލު/ފޭސްބުކް
"ސްކޫލުން ދިން ތަރުބިއްޔަތުގެ ސަބަބުން ވަރަށް ބޮޑަށް މިނިވަން ވެފަ ތިބީ. ކިޔެވުމަކީ އަމިއްލަ އިސް ނަގައިގެން ކުރަން ޖެހޭ ކަމެއް ކަން ކުދިންނަށް ވެސް އެނގިފަ އޮންނަނީ. އެ ކުދިން ބުނާ ކަމެއް ކޮށްދިނުން އެކަނި އޮންނަނީ. ކިޔަވާށޭ ބުނާކަށްވެސް ނުޖެހޭ. ކޯއްޗެއްތޯ ދަަސްކުރަންވީ ކިހާ ވަރަކަށް ޕާސްޕޭޕަރު ހެދިއްޖެތޯ، އެކަހަލަ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭ،" ރަމްލާ ބުންޏެވެ.
ސިތާރާ ވިދާޅުވި ދަރިވަރުން ހޯދި ކާމިޔާބީއަކީ ހަމައެކަނި އިމްތިހާމަށްވީ ތައްޔާރީގެ ނަތީޖާ ނޫން ކަމެވެ. ކުދިންގެ ދިރިއުޅުމާއި މުސްތަގުބަލަށް ސްކޫލުން ދިން އަހަންމިޔަތުކަމާއި ދަރިވަރުން އަމިއްލައަށް ކަންކަން ދަސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަޑިއަށް ވަރަށް ފަރުވާތެރިވާނެ ކޮންމެ ކަމެއްގަވެސް. އެއީ ދީނީ ކަންކަމަށް ސްކޫލުން ދިން އިސް ކަމުގެ ސަބަބުން. އޯލެވެލް ވިޔަސް ހުސް ޕާސްޕޭޕަރު ހެދުން އެކަންޏެއް ނޫން އޮންނަނީ. ނަމާދު ކުރުމާއި ގުރުއާން ކިޔެވުމަށް ވަގުތުކޮޅެއް ހުސްކުރުން ކަހަލަ ކަންކަން ވެސް ސްކޫލުން ކުރުވާ. މަޖާކުރަން ވެސް ވަގުތުދޭ،" ރަމްލާ ކިޔައިދިނީ އޭނަގެ ދަރިފުޅަށް ސްކޫލުން ލިބުނު ރަން ކާމިޔާބީގެ އަސްލެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން ރަމްލާ ބުނީ ކުދިންނަށް ކިޔެވުމަށް މާ ބޮޑަށް ބާރު އަޅައިގެން ނަތީޖާ ނުނުކުންނާނެ ކަމަށެވެ.
"އޯލެވެލަކީ ހަމައެކަނި ދަރިވަރުގެ ކުރިއެރުން ބިނާވާ ކަމެއް ނޫން. އޯލެވެލާއެއްކޮށް ކުއްޖާގެ މުސްތަގުބަލަށް ވެސް ވިސްނަން ޖެހޭނެ. މި ސްކޫލުން ދަސްކޮށްދޭ ކައްކަން، ސީވީ ހަދަން ހަކަލަ އެތައް ކަމެއް، އެއީ ކުދިންގެ މުސްތަގުބަލަށް ކުރިއަށް އެޅޭ ފިޔަވަޅެއް،" އޭނާ ބުންޏެވެ.
50 ދަރިވަރުންނާއެކު ފެށި ހިރާ ސްކޫލްގައި މިހާރު 380 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރެ އެވެ. ހިރާ ސްކޫލުގެ އަމާޒަކީ އެކާވީސް ވަނަ ގަރުނުގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދީގެން، ގާބިލު، ދިވެހި، މުސްލިމު ޖީލެއް ބިނާކުރުމެވެ.













