ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބެގޭޖު ކޮންޓެއިނަރެއް ވެއްޓި، ބެގޭޖް ހޭންޑްލިންގައި މަސައްކަތްކުރާ މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލުން "އަދަދު" އަށް ބުނީ، ބެގޭޖު ކޮންޓެއިނަރެއް ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި މުވައްޒަފަކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ، އަނިޔާވި މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް، ހާދިސާއާ ބެހޭ އިތުރު މައުލޫމާތު ހާމަކުރެވޭނީ ތަހުގީގަށް ފަހު ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓިފައިވާ ބެގޭޖު ކޮންޓެއިނަރުގައި ފޮށިތައް ވެސް ހުއްޓެވެ.
އެއީ ފްލައިޓަށް އަރުވަން ގެންދިޔަ ފޮށިތައްތޯ ނޫނީ ފްލައިޓުން ބޭލި ފޮށިތައްތޯ ޔަގީންވެފައި ނުވާއިރު، މި ހާދިސާއާ ގުޅިގެން އެއްވެސް ފްލައިޓެއް ޑިލޭވެފައި ނުވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.













