މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގައި ބުނީ 2021 ވަނަ އަހަރުގެ ބޯނަސް ކުންފުނީގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ ހަމަހަމަ އުސޫލުން ކަމަށެވެ. އެގޮތުން 25،000ރ. ދޭނީ 2021 ވަނަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއޭސީއެލުން ބުނީ އަހަރީ ބޯނަސް އެ ކުންފުނީގެ ވަޒީފާގައި 2021 ވަނަ އަހަރު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނަށް ބޯނަސް ދޭނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން، ޕްރޯ ރާޓާކޮށެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން 2021 ވަނަ އަހަރު ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފުންނަށް އަހަރީ ބޯނަސް ނުލިބޭނެ ކަމަށެވެ.
ހަމައެއާއެކު ބޯނަސް ލިބޭ މުވައްޒަފުންނަށް ލަސްވެގެން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެކައުންޓްތަކަށް ޖަމާވާނެ ކަމަށް އެމްއޭސީއެލުން ނެރުނު ސާކިއުލާގައި ބުނެ އެވެ.

ރާއްޖޭގެ މައި އިންޓަނޭޝަނަލް އެއާޕޯޓް، ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްގައި 4،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 3،500 އަށް ވުރެ ގިނަ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސް ލިބޭނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރެ އެވެ.













