މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން މާދަމާއިން ފެށިގެން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ - ތިލަފުށި ލިންކްގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން، މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި މާދަމާ އިން ފެށިގެން ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަރުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރިޖު މަޝްރޫއުގެ ހުލާސާ
މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
މި ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެއާއެކު ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގުފަހި ވާނެ އެވެ.
މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.
މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.
މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.












