ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކުން މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް، ބޭރުގެ ދެ މަސްބޯޓެއް އިއްޔެ ސިފައިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދެ މަސްބޯޓެއް އަތުލީ އިއްޔެ ކަމަށާއި ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓުތަކެއްކަން މިހާތަނަށް ނޭނގޭ ކަމަށެވެ.
ބޭރުގެ މަސް ބޯޓުތައް ރާއްޖެ ސަރަހައްދަށް ވަނުން ހުއްޓުވުމުގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ވީ ނަމަވެސް އެ އުޅަނދެއް ހުއްޓުވުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑަށް ލިބިގެންވެ އެވެ.
އަދި، މިގޮތުން ފެންނަ އުޅަނދު ފަހަތުން ދުއްވައި، އުޅަނދަށް ސިފައިން އަރައި، އެ ތަނަކާ އެންމެ ކައިރި ބަނދަރަކަށް ގެންދަން ޖެހެ އެވެ. ގަވައިދުގައިވާ ގޮތުން މިގޮތަށް ހިފަހައްޓާ އުޅަނދުތައް ސިފައިން ފުލުހުންނާ ހަވާލުކޮށް، ބޯޓު ޖޫރިމަނާކުރަން ވާނެ އެވެ.












