މިހާރު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި މިއަދު ތުރުކީ އަތުން 3-0 އިން ބަލިވި ނަމަވެސް، އެ ގައުމުގެ ރޭންކިން އެންމެ ރަނގަޅު ކުޅުންތެރިޔާ، ޔިލްމާޒް އޯޒްގޭއާ ދެކޮޅަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަނގަޅު ވާދައެއް ކޮށްފި އެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އޯޒްގޭ އަށް ޓީމު އިވެންޓްގައި މިއަދު ކުޅުނު ސިންގަލްސް މެޗުން ދީމާ ބަލިކުރެވުނީ 3-2 ސެޓުންނެވެ. ދީމާ އާއި އޯޒްގޭ ކުޅެން އެރީ މި ޓައިގެ ދެ ވަނަ ސިންގަލްސް މެޗުގަ އެވެ. ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ވަނީ ތުރުކީގެ އައިކާން އަތުން 03-11، 01-11 އަދި 03-11 އިން ބަލިވެފަ އެވެ.
ދެ ވަަނަ އަށް ކުޅުނު ސިންގަލްސް މެޗުގައި ދީމާ ނުކުތީ އޯޒްގޭއާ ދެކޮޅަށެވެ. އޯޒްގޭ އަކީ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސިންގަލްސްގެ ޗެމްޕިއަނެވެ. އެހެންވެ، މެޗަށް ނުކުތްއިރު ވެސް އޭނާ އަކީ ފޭވަރިޓް ކަމަށް އޮތީ ބެލެވިފަ އެވެ.
އެކަމަކު، އޯޒްގޭއާ ދެކޮޅަށް ފުރަތަމަ ސެޓުގައި ދީމާ ތަފާތު ކުޅުމެއް ދައްކައި، 11-05 އިން ސެޓު ގެންދިޔަ އެވެ. އެ ހިސާބުން އޯޒްގޭ އަށް މިއީ އުނދަގޫ ޗެލެންޖަކަށް ވާނެކަަން ގަބޫލުކުރެވި މެޗާ މެދު ސީރިއަސްވި އެވެ.

އޯޒްގޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޯޒްގޭ ރަނގަޅަށް ފޯކަސް ކޮށްގެން ކުޅެ، ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ގެންދިޔައީ މާ ބޮޑު އުނދަގުލެއް ނެތި އެވެ. އެ ދެ ސެޓު ވެސް، ގެންދިޔައީ 01-11 އިންނެވެ. ހަތަރު ވަނަ ސެޓު ވެސް އޯޒްގޭ ގެންގޮސް ފަސޭހައިން މެޗުން މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވައި، މަންޒަރު ބަދަލުވީ ދީމާ ހަތަރު ވަނަ ސެޓުގައި އަރައި، ދެއްކި ހިތްވަރުންނެެވެ.
ހަތަރު ވަނަ ސެޓުގައި، ޕްރެޝަރުގައި އޯޒްގޭ އަށް ކުޅެން ޖެހި ގިނަ ގޯސްތަކެއް ހެދުނެވެ. ދީމާ އޭގެއިން ކޮންމެ ބޯޅައެއްގައި ފައިދާނަގައި، ހަތަރު ވަނަ ސެޓު 11-09 އިން ގެންގޮސް މި މެޗު، ނަތީޖާ ނެރޭ ސެޓާ ހަަމައަށް ގެންދިޔަ އެވެ.
އެ ގޮތުން ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އޯޒްގޭ އާއި ދީމާ ވެސް ސެޓުގެ ކުރީކޮޅުގައި ލީޑުނެގި އެވެ. އެކަމަކު، ލީޑުގެ ކޮންޓްރޯލެއް އެއްވެސް ކުޅުންތެރިއަކު އަތުގައި ނެތެވެ. އެކަމަކު، ސެޓުގެ ފަހުކޮޅުގައި ބައިނަލްއަގުވާމީ މަތީ ލެވަލްގެ ގިނަ މެޗުތަކެއް ކުޅެމުން އަންނަ އޯޒްގޭ ތަފާތު ދެއްކި އެވެ. އެ ގޮތުން ފަސް ވަނަ ސެޓު، 08-11 އިން ގެންގޮސް އޯޒްގޭ މެޗުން މޮޅުވީ އެވެ.
އޯޒްގޭ މެޗުން މޮޅުވި ނަަމަވެސް އެ ޓީމުން ވެސް ވަނީ ދީމާ ދެއްކި ހިތްވަރު ފާހަގަކޮށްފަ އެވެ. މެޗަށް ފަހު ދިވެހި ޓީމުގެ ކުޅުންތެރިންނާ އެކު ފޮޓޯ ނަގާ ހެދި އެވެ. ރާއްޖޭގެ ކޯޗު، އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވެސް ވަނީ ދީމާގެ އެ މެޗަކީ "ހާއްސަ" ،މެޗެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ރަފާ އާއި ދީމާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ރާއްޖޭން ތިން ވަނަ ގޭމުގައި ތުރުކީއާ ދެކޮޅަށް ނުކުތީ އަންހެން ޑަބަލްސް އަކަށެވެ. ދީމާ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާއާ ދެކޮޅަށް ކުޅެ، ތުރުކީގެ އޯޒްގޭ އާއި ސިބެލް އަލްތިންކަންޏާގެ ޕެއާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 04-11، 07-11 އަދި 06-11 އިންނެވެ.
ޓީޓީ އަންހެން ޓީމު ހިމެނެނީ ތުރުކީ އާއި ޖިބޫޓީ އަދި ޔޫގާންޑާއާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ ސެމީ ފައިނަލަށް ހޮވޭނެ އެވެ. ތުރުކީ މި ވަގުތު އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ޔޫގާންޑާ އަށް ވެސް ވަނީ މޮޅެއް ލިބިފަ އެވެ. މި ދެ ޓީމު ވެސް ތުރުކީ އަތުން ބަލިވިއިރު، މޮޅުވީ ޖިބޫޓީ އަތުންނެވެ.
މާދަމާ ޔޫގާންޑާ އާއި ރާއްޖެ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ފުރުސަތު ލިބޭނެ އެވެ.

އީރާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ޝައްފާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ޓީޓީ ފިރިހެން ޓީމު މިއަދު ކުޅުނު މެޗުން ވަނީ އީރާން އަތުން 3-0 އިން ބަލިވެފަ އެވެ. ސިންގަލްސް ބައިގައި ވެސް ތަފާތު ދެއްކި އީރާނަކީ ޓީމު އިވެންޓްގައި ވެސް އެންމެ ފޭވަރިޓް އެއް ޓީމެވެ. އީރާނާ ދެކޮޅަށް ރާއްޖޭގެ މޫސާ މުންސިފް ކުޅުނު ސިންގަލްސް މެޗުން ބަލިވީ 01-11، 06-11 އަދި 09-11 އިންނެވެ.
ރާއްޖޭން ދެ ވަނަ މެޗުގައި ކުޅެން އެރި، ޝައްފާން އިސްމާއިލް އަތުން އީރާން ކުޅުންތެރިޔާ މޮޅުވީ 05-11، 03-11 އަދި 05-11 އިންނެވެ.
ދެން ކުޅުނު ޑަބަލްސް މެޗުގައި ޝައްފާން އާއި ޒީސްތު ނަސީމްގެ ޕެއާ ވަނީ 3-0 އިން ބަލިވެފަ އެވެ. މި މެޗުގެ ސެޓުތައް އީރާންގެ ޕެއާ އިން ގެންދިޔައީ 07-11، 09-11 އަދި 05-11 އިންނެވެ. މި ގޭމުގެ ދެ ވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭން ތިން ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. އެކަމަކު، އީރާން ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި އެ ޓީމުން ވަނީ ނަތިޖާ އަނބުރާލައިފަ އެވެ.
ޓީޓީ ފިިރިހެން ޓީމަށް މާދަމާ އޮތީ ބަންގްލަދޭޝް މެޗެވެ. އެ މެޗުން މޮޅުވެއްޖެނަމަ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.












