ބައިނަލްއަގުވާމީ ތަރައްގީއަށް އެހީތެެރިވެދޭ އެމެރިކާގެ އެޖެންސީ, ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް ޖުމްލަ 300،000 ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްްޖޭން ކުރާ މަސައްކަތަށް އެހީތެެރިވެ ދިނުމުގެ ގޮތުން ޔޫއެސްއެއިޑުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާ އެކުގަ އެވެ.
ޔޫއެސްއެއިޑުން ބުނި ގޮތުގައި އެސްޑީއެފްސީއަށާއި އެފްޖޭއެސްއަށް އެހީ ދިނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން އެހީތެރިވާން ޔޫއެސްއެއިޑުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި އެ ދާއިރާއިން ކުރާ މަސައްކަތަށް އެހީތެރިވުމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން އެހީތެރިވާން ޔޫއެސްއެއިޑުން ރާއްޖޭގައި ހިންގާ ހަރަކާތުގެ ބޭނުމަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް އަދި މަދަނީ ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން އެހީތެރިވާނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އީޖާދީ ގޮތްތައް ހޯދުމަށާއި ހިންގުން ހަރުދަނާ ކުރުން ފަދަ ކަންތައްތަކަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ކުރާ މަސައްކަތްތަކަށް 2001 ވަނަ އަހަރުން ފެށިގެން ޔޫއެސް އެއިޑުން ވަނީ 2001 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ރާއްޖެއަށް 20 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހިލޭ އެހީގެ ގޮތުގައި ދީފަ އެވެ.













