ރާއްޖެއިން ބޭރުން ގެނެސްފައި ތިބި ސިއްހީ ހިދުމަތްތެރިން އެންމެ ގިނައިން ތިބީ ހއ. އަތޮޅުގައިކަން ހާމަވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން "އަދަދު" އާ ހިއްސާކުރި މައުލޫމާތުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ ބޭރުގެ 839 ސިއްހީ ހިދުމަތްތެރިންނެވެ. ރާއްޖޭގެ 15 އަތޮޅެއްގައި ބޭރުގެ ސިއްހީ ހިދުމަތްތެރިން ތިބިއިރު، އެންމެ ގިނައިން ތިބީ ހއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ބޭރުގެ 82 ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަތޮޅުތަކުގައި ބޭރުގެ ސިއްހީ ހިދުމަތްތެރިން ތިބި އަދަދު:
- ހއ. އަތޮޅު - 82
- ށ. އަތޮޅު - 77
- ނ. އަތޮޅު - 79
- ބ. އަތޮޅު - 68
- ޅ. އަތޮޅު - 40
- ކ. އަތޮޅު - 63
- އއ. އަތޮޅު - 24
- އދ. އަތޮޅު - 38
- ވ. އަތޮޅު - 32
- މ. އަތޮޅު - 56
- ފ. އަތޮޅު - 25
- ދ. އަތޮޅު - 31
- ތ. އަތޮޅު - 76
- ގއ. އަތޮޅު - 43
- ޏ. އަތޮޅު - 16
- ހެލްތު މިނިސްޓްރީގައި - 89
ރާއްޖޭގެ 15 އަތޮޅެއްގައި ބޭރުގެ ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުން ދާއިރު، ހދ. އަތޮޅު، ރ. އަތޮޅު، ލ. އަތޮޅުގެ އިތުރުން ގދ. އަތޮޅާއި ސ. އަތޮޅުގައި ބޭރުގެ ސިއްހީ ހިދުމަތްތެރިން ނެތް ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް އެންމެ ގިނައިން ބޭރުން ގެނެސްފައި ވަނީ ނަރުހުންނެވެ. އެގޮތުން ޖުމްލަ 424 ރަޖިސްޓާޑް ނަރުހުން ރާއްޖޭގެ ރަށްތަކުގައި މަސައްކަތް ކުރަމުން އެބަދެ އެވެ. ނަރުހުންގެ އިތުރުން ދެން އެންމެ ގިނައިން ތިބީ މެޑިކަލް އޮފިސަރުންނާއި ލެބޯޓްރީ ޓެކްނީޝަނުންނެވެ. ރާއްޖޭގައި ބޭރުގެ 187 މެޑިކަލް އޮފިސަރުން ތިބިއިރު، 81 ލެބޯޓްރީ ޓެކްނީޝަނުން އެބަ ތިއްބެވެ.

މީގެ އިތުރުން ބޭރުގެ ރޭޑިއޯގްރާފަރުންނާއި، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދި އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރުން ވެސް ރާއްޖޭގައި މަސައްކަތް ކުރަމުން އެބަދެ އެވެ.
މިދިޔަ ފަސް އަހަރުތެރޭގައި ހެލްތް މިނިސްޓްރީ 389 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ ގެނައި ނަމަވެސް، މިވަގުތު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބޭރުގެ ޑޮކްޓަރުންގެ އަދަދު މަދެވެ.












