ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރެއަށް މީހަކު ވިހެއުމުގައި ހޮސްޕިޓަލުން އިހުމާލުވިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު އެވެ. އެކަމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ލިފްޓަށް މީހަކު ވިހެއި މައްސަލަ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
"އެ މައްސަލަ ބެލުމަށް ފަހު، 'ޕޭޝަންޓް ކެއާ' ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން ރަނގަޅުކުރަން ހޮސްޕިޓަލުން ކުރަންޖެހޭ މަސައްކަތް ކުރާނަން،" އެ ހޮސްޕިޓަލުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެ މީހާ އަށް 14 އަހަރު ފަހުން ލިބުނު ކުއްޖެކެވެ. އަދި، ލިފްޓަށް ވިހެއިރު އޮތީ މަރުވެފަ އެވެ.

އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނީ އާއިލާ އިން ތުހުމަތުކުރަނީ އެ މީހާގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެން ކަމަށެވެ.












