ތައިލެންޑްގައި ނިމުނު އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ހަތަރު މެޑަލް ހޯދައިފި އެވެ.
ދީމާ، ވަނީ ތައިލެންޑްގެ ގައުމީ ލެވަލްގެ ހުރިހާ އެތުލީޓުން ކަހަލަ ގޮތަކަށް ވާދަކުރި މުބާރާތުން ރަން މެޑަލަކާއި ތިން ލޯ މެޑަލް ހޯދައިފަ އެވެ. ދީމާ ރަން މެޑަލް ހޯދީ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. ދީމާ ވަނީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދައިފަ އެވެ.
މި އިވެންޓްތަކުގެ ސެމީ ފައިނަލުގައި ދީމާ ވާދަކޮށްފައިވަނީ ތައިލެންޑްގެ ރޭންކިން އަށް ބަލާއިރު، މަތީ ފަންތީގެ ކުޅުންތެރިންނާ އެވެ. އެ ކުޅުންތެރިންނާ ވާދަކޮށް ދީމާ ރަނގަޅު ފައިޓެއް ދިނެވެ.
ދިމާއާ އެއް ޕެއާއެއްގައި ހިމެނިގެން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތައިލެންޑްގެ ކުޅުންތެރިޔާ ފަންގް އެވެ. ފަންގާއި ދީމާ މީގެ ކުރިން ވެސް އެކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑްގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ ދީމާ ވަނީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ/ކެޑޭޓް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކައި، ކެޑޭޓް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.
މި މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވާން ތައިލެންޑް މުބާރާތުގެ ބޭނުން ދީމާ އަށް ހިފޭނެ އެވެ.
ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވާން ދީމާ، ތައިލެންޑްގައި ޓްރެއިނިން ހަދަމުން އަންނައިރު، ގައުމީ އަންހެން ޓީޓީ ޓީމުން ކްރޮއޭޝިއާގައި ވެސް ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެެވެ. އެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވީ އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒު އެވެ. މީގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ނިމާލް އޮފިޝަލެއްގެ ގޮތުގައި މި ދަތުރުގައި ބައިވެރިވެ އެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. މިއީ ރާއްޖޭގެ ޓީޓީގައި ލިޔެވިގެންދިޔަ އާ ސޮފުހާ އެކެވެ. އޭގެ އިތުރުން ދީމާ ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ކުރިއެރުން ހޯދައި ގިނަ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ވެސް ހޯދައިފަ އެވެ. އެގޮތުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.
ދީމާ އަށް ވަނީ 2024 ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގެ ސްކޮލަޝިޕެއް ވެސް ލިބިފަ އެވެ. އައިއޯސީން ދީމާއަށް ސްކޮލަޝިޕް ދިނީ ފާއިތުވި އަހަރުތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމަށް ބަލައިފަ އެވެ. އަދި ސްކޮލަޝީޕާ އެކު 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ހަދަން ބޭނުންވާ ސެންޓަރެއްގައި އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެ އެވެ.












