ވޭތުވެދިޔަ ފަސް އަހަރު ތެރޭ ބޭރުން ރާއްޖެއަށް އެންމެ ގިނައިން ގެނެސްފައި ވަނީ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓްރީން "އަދަދު"އާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު، ފާއިތުވި ފަސް އަހަރު ތެރޭގައި ޖުމްލަ 389 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނެވެ. ފާއިތުވެދިޔަ ފަސް އަހަރުތެރޭގައި ރާއްޖެއަށް އެފަދަ 65 ޑޮކްޓަރުން ގެނެސްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދެން އެންމެ ގިނައިން ގެނައީ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭ ނައްތާ ޑޮކްޓަރުންނެވެ. އެ މުއްދަތުގެ ތެރޭގައި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ 58 ޑޮކްޓަރުން ރާއްޖެ ގެނެސްފައިވާއިރު، ހޭ ނައްތާ 50 ޑޮކްޓަރުން ގެނެސްފައިވެ އެވެ. އޭގެ އިތުރަށް 48 އޮޕަރޭޝަން ޑޮކްޓަރުންނާއި، އާންމު ބަލިތަކުގެ 47 ޑޮކްޓަރުން ވެސް މި މުއްދަތުގެ ތެރޭގައި ރާއްޖެ ގެނެސްފައި ވެއެވެ.
ހަމައެއާއެކު ރާއްޖެއަށް ގެނައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި ކަށީގެ ބަލިތަކަށް ހާއްސަ 31 ޑޮކްޓަރުންނާއި، 26 ރޭޑިއޮލޮޖިސްޓުން، ލޮލުގެ ބަލިތަކަށް ހާއްސަ 21 ޑޮކްޓަރުން، ނަފްސާނީ ބަލިތަކަށް ހާއްސަ 14 ޑޮކްޓަރުންގެ އިތުރުން، ކަރުންމަތީގެ ބަލިތަކަށް ހާއްސަ 10 ޑޮކްޓަރުން އަދި ހަމުގެ ބަލިތަކަށް ހާއްސަ ނުވަ ހިމެނެ އެވެ.
މީގެ އިތުރުން ވެސް އެހެނިހެން ދާއިރާތަކަށް ހާއްސަ 10 ޑޮކްޓަރުން ރާއްޖެ ގެނެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ނަރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދި ކުޑަކަމުދާ ނިޒާމަށް ކުރިމަތިވާ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ.

ފަސް އަހަރު ތެރޭ ރާއްޖެއަށް ގެނައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު:
- 2017 - 64 ޑޮކްޓަރުން
- 2018 - 65 ޑޮކްޓަރުން
- 2019 - 88 ޑޮކްޓަރުން
- 2020 - 63 ޑޮކްޓަރުން
- 2021- 70 ޑޮކްޓަރުން
- 2022 - 39 ޑޮކްޓަރުން
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭދުވެދިޔަ ފަސް އަހަރު ތެރޭގައި އެންމެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެސްފައި ވަނީ 2019 ވަނަ އަހަރެވެ.













