ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ފަރާތުން ރާއްޖެއަށް 200،000 އެންޓިޖެން ޓެސްޓު ކިޓުތަކެއް ބުރާސްފަތި ދުވަހު ހަދިޔާކޮށްފި އެވެ.
ކޮވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް ތަހުލީލު ކުރުމަށްފަހު އަވަހަށް ނަތީޖާ ލިބޭ އެންޓިޖެން ކިޓުތައް ޔޫއެސްއެއިޑުގެ ފަރާތުން ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތާ އެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ ރާއްޖެއަށްް 500،000 އަށް ވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފަ އެވެ. އެމެރިކާއިން މުޅިން ވެސް ދީފައި ވަނީ ފައިޒާ ވެކްސިނެވެ. އޭގެ އިތުރުން 60 ވެންޓިލޭޓަރާއި ހަތް މިލިއަން ޑޮލަރުގެ އެހެނިގެން ތަކެތި ވެސް އެ ގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
އެމެރިކާއިން ރާއްޖެއަށް ކޮވިޑު ޓެސްޓު ކުރާ ކިޓުތަކެއް ދީފައި މި ވަނީ އެ ބަލި ޖެހޭ މީހުންގެ އަދަދު މި ނިމިދިޔަ ދެ ހަފްތާގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، 20 އަހަރުގެ ޒުވާނަކާއި އުމުރުން ދުވަސްވީ މީހަކު މަރުވެފައި ވަނިކޮށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހިސާބުތަކަށް ބަލާއިރު ޖޫން 19، އިން ޖޫން 25 އަށް 1202 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެ ހަފްތާގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން ހާލު ބޮޑުވެގެން 51 މީހަކު ވަނީ އެނދުމަތިކޮށް ފަރުވާ ދީފަ އެވެ. އޭގެ ކުރީގެ ހަފްތާގައި އެ ބަލި ޖެހުނީ 405 މީހުންނަށެވެ.

ޗައިނާގެ ވޫހާނުގައި ދިރިއުޅުނު މީހަކަށް ވާލެއްގެ ފަރާތުން ޖެހުނު ކޮވިޑް-19 2020 ވަނަ އަހަރު ރާއްޖެއިން ފެނުނު ފަހުން އެ ބަލީގެ 181،586 ކޭސް ރާއްޖޭގައި ފެނިފައިވެ އެވެ. އަދި ކޮވިޑް ބަލި ޖެހިގެން 305 މީހަކު ވަނީ ރާއްޖޭގައި މަރުވެފަ އެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ 0.05 ޕަސެންޓު މީހުންނެވެ.













