ހެލްތު މިނިސްޓްރީގެ ނަމުގައި ފޭކު ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ނަމުގައި ފޭކު ކޯލްތަކެއް ކުރަމުންދަނީ އެ މިނިސްޓްރީން ކުރަމުންދާ ސާވޭއަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އާންމު ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި ގުޅާ ޒާތީ މައުލޫމާތު ހޯދަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ޒާތީ މައުލޫމާތު ހޯދުމަށްފަހު، އީމެއިލް އެކައުންޓްތައް ހެކު ކުރަމުންދާ ކަމަށެވެ.
މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، މި މައުލޫމާތު ފުލުހުންނާއި، ކަމާބެހޭ އެހެން އިދާރަތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުންޏެވެ.
ސާވޭއަކަށް ކަމަށްބުނެ ފޭކު ކޯލްތަކެއް ކުރަމުންދާއިރު، އެ މިނިސްޓްރީން މިވަގުތު އެއްވެސް ސާވޭއެއް ކުރަމުންނުދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ނަމުގައި ފޭކު ކޯލްތަކެއް ކުރާ މައްސަލަ ފެންމަތިވިއިރު، ޕްލޭނިން މިނިސްޓްރީއާއި އެޗްޑީސީގެ ނަމުގައި ގުޅާ، ފްލެޓެއް ލިބުނު ކަމަށް ބުނެ ފޭކު ކޯލްތަކެއް ކުރާ މައްސަލަ ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި ބީއެމްއެލްގެ ނަމުގައި ފޭކު ކޯލްތައްކޮށް، އޮޅުވާލައިގެން ގިނަ އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ކެނޑިނޭޅި ފެންމަތިވަމުންދާކަން ފަހަގަކޮށްލެވެ އެވެ.












