އެމެެރިކާގެ ވެރިރަށް ވޮޝިންޓަންޑީސީގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ގާއިމްކުރަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
މީގެ ކުރިން އެމެެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވަނީ އދ. ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަސައްކަތް ކުރައްވަނީ ނިއުޔޯގައި ހުންނަ ރާއްޖޭގެ މިޝަނުގަ އެވެ. އެ ގޮތުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި މިހައިތަނަށް ހުންނެވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތިލްމީޒާ ހުސައިން އެވެ.
އެކަމަކު ތިލްމީޒާގެ ބަދަލުގައި އަބްދުލް ޣަފޫރު މުހައްމަދު އެމެރިކާއަށް ހަމަޖެއްސުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދަން މިހާރު އޮތީ ފޮނުވައިފަ އެވެ.
ޣަފޫރަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ދިރާސާކުރި އިރު ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށްވީ ނިއުޔޯކްގައި ރާއްޖޭގެ މިޝަނެއް ހުރި އިރު، ބޮޑު ހަރަދެއް ކޮށްގެން އަނެއްކާ ވޮޝިންޓަނުގައި އޮފީހެއް ހުޅުވާތީ އެވެ. އެމެރިކާއަށް ވަކިން ސަފީރަކު ހަމަޖައްސަނީ ވޮޝިންޓަނުގައި އެމްބަސީ ގާއިމްކުރާ ގޮތަށްތޯ މެމްބަރުން ސުވާލު އުފެއްދެވުމުން ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އެކަން އޮޅުން ފިލުއްވުމަށް ފަހު ވިދާޅުވީ އެމެރިކާއަށް ވަކިން ސަފީރަކު ހަމަޖައްސަނީ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް އަޅާ ގޮތަށް ކަމަށެވެ.
ކޮމިޓީގެ މެމްބަރު އަދި މަޖިލީހުގެ ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވީ އިގުތިސޯދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި، އެހާ ބޮޑެތި މަސައްކަތްތަކެއް ނެތް ތަނެއްގައި އެމްބަސީ ގާއިމްކުރުމަކީ ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އެއް އެމްބަސީން ފުދޭ އެެހެން ތަންތަނުގައި އެމްބަސީ ގާއިމްކުރުމަކީ ވެސް ހަރަދުބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީން މިއަދު ނިންމީ، ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވައި، ހަރަދުތަކުގެ ތަފްސީލު ހޯދުމަށެވެ.













