އަވައްޓެރި އިންޑިއާގެ ސަރުކާރު ހިންގާ މައި ޕާޓީގެ އިސް ތަރުޖަމާނު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އިދިކޮޅުގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ސާފުކޮށްދީފި އެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
"... އެފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީވެ. ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި، ސަރުކާރުން މި ކަމާމެދު ފިޔަަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް،" އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ވަނީ ގުރުއާނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލާފަ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައި ގަތުމާމެދު ނެގި ވޯޓުގައި، 33 މެންބަރުންގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަކޮށްގެން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި، އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ބީޖޭޕީގެ އިސް ތަރުޖަމާނު މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް އިއްޔެ ބަޔާން ނެރޭ ގޮތަށް ހަމަޖެހިފައިވާ ކަމާއި، އެ މަސައްކަތް ކުރިއަށް ގެންދާކަމުގެ މައުލޫމާތު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ އެވެ،" ބަޔާނުގައި އިތުރަށް ބުންޏެވެ.
ސަރުކާރުން ޔަގީންކަން ދިން ގޮތަށް, ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ރަސްމީކޮށް ކުށްވެރިކޮށް، ހަމަ އިއްޔެގެ ވަގުތެއްގައި ބަޔާނެއް ނެރެފައިވާކަން ވެސް ޕީޖީ ގުރޫޕުން އެ ބަޔާނުގައި ފާހަގަކުރި އެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށާއި މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާގެ ދިފާއުގައި ސަރުކާރެކޭ އެއްފަދައިން ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ވަނީ އަރުވައިފަ އެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.













