ވިއަވަތި ކޮންފަރެންސްގެ ބައިވެރިން އެކަކު އަނެކަކު ދެކެފަރިތަ ވެލަން މި ރަށުގެ ހިތްގައިމު ދޮންވެލި ތުނޑީގައި ބޭއްވި ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯރީގައި ބައިވެރިވެވަޑައިގަތެވެ. ހަރަކާތްތައް ކުރިއަށް ގެންދިޔައީ މިނިސްޓަރުންނާއި ދައުލަތުގެ އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކުގެ ރައީސުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ޓީމުތަކަށް ބަހާލައިގެންނެވެ. ރައީސް ސޯލިހު ކުޅުއްވާނެ ޓީމު ކަނޑައެޅީ ގުރުއަތުންނެވެ. އެއަށް ފަހު އެންމެ ފޯރީގައި އެ މަނިކުފާނު، ޓީމާއެކު ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަތެވެ.

ވާ ދެމުމަށްޓަކައި އެ މަނިކުފާނު އަމިއްލަފުޅަށް ވަޅު ކޮނެ، ޖޯޝުގައި ވަރުގަދަކޮށް ވަލަށް ދަމައި، ޗެމްޕިއަންކަން ހޯއްދެވި އެވެ. ވާ ދެމުމުގެ ފައިނަލް މެޗަށް ފަހު ރައީސް ސޯލިހުގެ ބައެއް އިނގިލިކޮޅުތަކުގައި މަލަން އަޅުއްވާފައި ހުރި މަންޒަރު ވެސް ފެނުނެވެ.

ކުޅިވަރުތައް ކުޅެމުންދިޔަ ވަގުތު ރައީސް ތުނޑީގައި އިށީނދެ ވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހަކީ ވޮލީ ކުޅުއްވުމަށް ޝައުގުވެރިކަން ހުންނަ، މޮޅަށް ވޮލީ ކުޅުއްވާ ބޭފުޅެކެވެ. ތުއްޕުޅުއިރު ރަށުން އުފެދުނު ޝައުގާއެކު މިއަދާ ހަމައަށް ވެސް ވޮލީ ކުޅުއްވުމުގައި ދެ ގޮތެއް ނުވެ އެވެ. އުކުޅަހުގެ ބިޔަ ތުނޑީގެ ދޮންވެލި، މަޑު ފަސްގަނޑުގައި މިއަދު ވެސް މޮޅަށް ކުުޅުއްވެވި އެވެ.
މިއީ ފެބްރުއަރީ މަހު ރައިސް ސޯލިހު ކުރެއްވި ތައިރޮޑް އޮޕަރޭޝަން ފަހު މިފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ވޮލީ މެޗުގައި ރައީސް ސޯލިހު ޝޮޓެއް ޖައްސަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެންމެ ފަހު ހަރަކާތަކަށް އޮތީ މޫދު ކުޅިވަރުތަކެވެ. އެހެން ކުޅިވަރުތަކާއި މޫދު ކުޅިވަރުތަކުގައި ވެސް ވަރުގަދަކޮށް ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަތެވެ. މޫދަށް އެރިވަޑައިގެން ސުޕް ބޯޑު ރަހަކުރައްވަމުން ދުއްވެވި އެވެ.

ރައީސް ސޯލިހު ސުޕް ބޯޑު ދުއްވަނީ -- ފޮޓޯ: ރައީސް އޮފީސް
މި މަންޒަރުތަކަށް މި ރަށުގެ ރައްޔިތުންނާއި، ޓޫރިސްޓުން ވެސް ޝައުގުވެރިވި އެވެ. އެމްޑީޕީއަށް އަދި ވަކިން ރައީސް ސޯލިހަށް މި ރަށް ހާއްސަ ވަނީ 2013 ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ މިރަށުގައި ބޭއްވި ކޮންގްރެސްއިން ކަމަށް ވާތީ އެވެ. މާދަމާ ފަށާ ވިއަވަތި ސީރީޒްގެ ދެ ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވާނެ އެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގައި 174 މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުން، އަދި ޑަބްލިޔޫޑީސީގެ ރައީސުން ހިމެނެ އެވެ.







