މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުލާ ސަރުކާރު މުވައްޒަފުން ކަރުދާހުގައި ފާހަގަޖެހުމަށްފަހު ފޮޓޯ ނަގަން އަންގަމުންދާ ކަމަށް ކެންޑިޑޭޓް އިމްތިޔާޒް "އިންތި" ފަހުމީގެ ކެމްޕެއިނުން ކުރި ތުހުމަތު ދޮގު ކަމަށާއި އެއީ ކެމްޕެއިނު އުކުޅެއް ކަމަށް އޭނާއާ ވާދަކުރައްވާ ފައްޔާޒް އިސްމާއިލްގެ ޓީމުން ބުނީ އިއްޔެ އެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގެ ކެމްޕެއިނުގެ ފަރާތުން ވެރިކަން ހިންގާ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ވޯޓުގައި ބައިވެރިވާ ސަރުކާރުގެ މުވައްޒަފުންގެ ފާހަގަ ޖަހާފައިވާ ކަރުދާސްކޮޅު އޮފީސްތަކުގެ ވެރިންނަށް ފޮނުވަން އަންގަމުންދާ ކަމަށް "ކޮންމެވެސް ވަރަކަށް" މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު އިއްޔެ ހަސަންއަށް ރައްދު ދެމުން އިންތިއާ ވާދަ ކުރައްވާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ޓީމުން ބުނީ އެ ތުހުމަތުތަކަކީ "ހުސް ދޮގު" ކަމަށެވެ.
"ފެށުނީއްސުރެ ވެސް އެމީހުންގެ ކަމަކީ ދޮގު ތުހުމަތު ކުރުން، ހަގީގަތެއް ނެތް ވާހަކަ ދެއްކުން. ކުންފުނިތަކުގެ މުވައްޒަފުންނަށް ފައްޔާޒްގެ ޓީމުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ އިރު ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުން އެންމެ ގިނައިން ތިބީ ވެސް އިންތިގެ ކެމްޕޭނުގައި،" ފައްޔާޒުގެ ކެމްޕެއިނު މެނޭޖަރު އިބްރާހީމް ވަހީދު، މި ނޫހާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވި އެވެ.
އިންތިގެ ޓީމުން ގަވާއިދުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރުގެ މަގާމުގައި މިހާރު ހުންނެވި ހަސަން ވިދާޅުވީ ފައްޔާޒުގެ ޓީމުން ނުފޫޒު ފޯރުވަން އުޅޭކަމުގެ ވާހަކަ އޮފީހުގައި ޝަކުވާއެއްގެ ގޮތުގައި ދައްކާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު މިހާރު ކޮންމެވެސް ވަރަކަށް ލިބިފައި ހުރި ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އެބަ އަންގާ އެކުންފުނިތަކުގެ މުވައްޒަފުންނަށް، ވޯޓުގެ ފޮޓޯ ނެގުމަށް ފަހު އެ ތަންތަނާ ހަވާލުވެ ހުރި މީހާއަށް، ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުންނަށް ފޮނުވަން،" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އިންތިގެ ފަރާތުން ހަސަން ލަތީފު ވިދާޅުވި އެވެ.

ޗެއާޕާސަން އިންތިހާބުގެ މުހިންމުކަން ބޮޑު
އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް މި އިންތިހާބު ބާއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ސިޔާސީ ގޮތުން މައްސަލަޖެހި، ޕާޓީގެ ބާރު ހޯއްދެވުމަށް ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގަ އެވެ.
އިންތިއަކީ، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށެވެ. އިންތިހާބުގައި ވޯޓުލާން ހަތަރު ދުވަހަށްވެފައިވާއިރު ދެ ކެންޑިޑޭޓުންގެ ފަރާތުން އެތައް މަސްދުވަސް ވަންދެން ވަނީ ފޯރިގަދަ، ވާދަވެރި ކެމްޕެއިނެއް ހިންގައިފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހުންނަށް އެކަމާ ގުޅޭ ދައުވާތައް ކޮށްފައިނުވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ހެކި ލިބޭ މިންވަރަކުން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް އަދިވެސް ދައުވާ އުފުލޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އިއްޔެ އެވެ.
- މާލެ ރައްޔިތުންނަށް ދޭން މި ސަރުކާރުން ވައުދުވެފައިވާ ގޯތި ދޫކުރާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ރައީސް އޮފީހުން ހާމަކުރީ އިއްޔެ އެވެ.
- ފައިދާ އިތުރުކުރުމުގެ ގޮތުން ޔޫޓިލިޓީ ވިޔަފާރީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސަރުކާރު މުވައްޒަފުން ކަރުދާހުގައި ފާހަގަޖެހުމަށްފަހު ފޮޓޯ ނަގަން އަންގަމުންދާ ކަމަށް ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ކެމްޕެއިނުން ކުރި ތުހުމަތުތައް ދޮގުކުރުމުން ފައްޔާޒުގެ ކެމްޕެއިނު މެނޭޖަރު އިބްރާހީމް ވަހީދު، އިއްޔެ މި ނޫހަށް ވިދާޅުވީ:
ކުންފުނިތަކުގެ މުވައްޒަފުންނަށް ފައްޔާޒްގެ ޓީމުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ އިރު ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުން އެންމެ ގިނައިން ތިބީ ވެސް އިންތިގެ ކެމްޕޭނުގައި،
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ރާއްޖޭގެ ޓީމުން ކުޅުންތެރިޔަކަށް ހިތްވަރު ދެނީ. ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ އަންހެން ޓީމު އިވެންޓުގެ ސެމީ ފައިނަލުން ބަލިވުމުން ރާއްޖެއަށް ލިބުނީ އެ ދެ ކެޓަގަރީން ވެސް ލޯ މެޑަލް --- މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން އިން ދަ މޯލްޑިވްސް"
މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަންހެނުންގެ ދައުރު އޮތް މިންވަރު ދެނެގަތުމަށް 2017 ވަނަ އަހަރު ޔޫއެންޑީޕީން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ އަންހެނުންނަށް އޮތް ފުރުސަތުތަކާއި އަދި ގޮންޖެހުންތައް ދެނެގަނެފަ އެވެ. އަދި އެ ގޮންޖެހުންތައް ނައްތާލެވޭނެ ގޮތްތަކެއް ވެސް ދިރާސާގައި ހުށަހަޅާފައިވެ އެވެ.












