އަންނަ ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސް ފަސްކުރަން ނިންމައިފި އެވެ.
ގޭމްސް ފަސްކުރަން ޖެހުނީ ޗައިނާގެ ކޮވިޑް-19 ހާލަތު އޮތްގޮތުން ބައިނަލްއަގުވާމީ ގޭމްސް އެއް ހޯސްޓްކުރެވޭ ކަމަށް ނުފެންނާތީ އެވެ. ގޭމްސް ބާއްވަން ކުރިން ކަނޑައަޅާފައި އޮތް ތާރީހަކީ ސެޕްޓެމްބަރު 10-25 އަށެވެ.
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޝިއަން ގޭމްސް ފަދަ ބޮޑު ކުޅިވަރު ހަރަކާތެއް ބާއްވާއިރު، ސަލާމަތީ ގޮތުން ކަށަވަރުކުރަން ޖެހޭ ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ފަދަ ކަންކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމާއިރު، މި ވަގުތަށް އެންމެ ރަނގަޅީ އޭޝިއަން ގޭމްސް ފަސްކުރުން ކަމަށް ފެންނަ ކަމަށް އޯސީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާގެ ފަރާތުން އޭޝިއަން ގޭމްސްގެ ކަންކަން އިންތިޒާމްކުރަން ކަނޑައެޅި ކޮމިޓީން މިދިޔަ މަހު އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭޝިއަން ގޭމްސް އާއި އޭޝިއަން ޕެރަ ގޭމްސް އަށް ތައްޔާރުވުމަށް 56 ކުޅިވަރު ވެނިއުއެއްގެ މަަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
އޭޝިއަން ގޭމްސް އަކީ އޮލިމްޕިކްސް އަށް ފަހު ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. އެ ގޮތުން 44 ގައުމުން 11،000 އަށް ވުރެ ގިނަ އެތުލީޓުން މި ގޭމްސް އިން ފެނިގެންދެ އެވެ. އޭޝިއަން ގޭމްސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗައިނާގައި ހޯސްޓްކޮށްފައިވެ އެވެ. އެއީ 1990 ގައި ބެއިޖިންގައި ބޭއްވި ގޭމްސް އާއި 2010 ވަނަ އަހަރު ގުއަންޒޫގައި ބޭއްވި ގޭމްސް އެވެ.

ހަންޒޫ އިން އައީ މި ފަހަރުގެ ގޭމްސް ބާއްވަން އެކި ގޮތްގޮތުން ތައްޔާރުވަމުން.-- ފޮޓޯ: އޭއެފްޕީ
އޯސީއޭ އިން އޭޝިއަން ގޭމްސް ފަސްކުރަން ނިންމިއިރު، މި އަހަރު ޑިސެމްބަރު މަހު ޗައިނާގެ ޝަންޓޯގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް ވަނީ ކެންސަލްކޮށްފަ އެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން ބައްރުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ދިވެހި އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ވަނީ 77 އެތުލީޓުން ބައިވެރިވެފަ އެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރީ އެތުލެޓިކްސް، ބެޑްމިންޓަން، ފުޓްބޯޅަ (އަންހެން އިވެންޓް)، ފެތުން، ޓެނިސް، ޓޭބަލް ޓެނިސް، ވޮލީބޯޅަ (ފިރިހެން އިންޑޯ، ބީޗް) އަދި ޝޫޓިން އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން މިދިޔަ މާޗް މަހު ބޭއްވި އެ ކޮމިޓީގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ރާއްޖޭން މި އަހަރު ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާނެ ކަމަށެވެ. އަދި އެ ގޭމްސްތަކުގެ ތެެެރެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވެ، އެންމެ ބޮޑު ހަަރަދެއް ހިނގާނެ ގޭމްސްއެއްގެ ގޮތުގައި އަންދާޒާކުރެވެނީ އޭޝިއަން ގޭމްސް އަށް ކަމަށް ސައްތާރު ބުނެފައިވެ އެވެ.
އެމްއޯސީ އާއި ރާއްޖޭގެ އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އައީ މި ފަހަރުގެ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ޕްލޭންތަކެއް ހަދައި، މަސައްކަތްތަކެއް ކުރަމުންނެވެ.












