އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޖުނިއާ ޓީމުގެ ތަރި، ފާތިމާތު ދީމާ އަލީ މާލެ އަތުވެއްޖެ އެވެ.
މި ފަހަރުގެ ސަރަހައްދީ ޖޫނިއާ މުބާރާތުގައި ސާކްގެ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ. މިއީ 2018 ގައި ބޭއްވި ޖޫނިއާ މުބާރާތަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އަދި ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ، ދީމާ ދެ ކެޓަގަރީގައި ވެސް ވާދަކުރާނެ އެވެ. ދީމާ ވަނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ހޯޕްސް ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ.
ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު އަންހެން ޖޫނިއާ އެތުލީޓް އަދި އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑު ހޯދި ދީމާ ޓީމާ މި ގުޅުނީ ތިން މަސް ދުވަހު ތައިލެންޑުގައި ތަމްރީން ހެދުމަށްފަހު ގަ އެވެ.
ތައިލެންޑުގައި ކުރިއަށްދިޔަ ތަމްރީންތަކުގެ ތެރެއިން ދީމާ ވަނީ އެގައުމުގައި ބޭއްވި އޯލް ތައިލެންޑް މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު މާލޭގެ ޒުވާނުންގެ މަރުކަޒު އެތެރެ ހޯލުގައި ފަށާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު މިހާރު އިއުލާންކޮށްފައިވާއިރު، އަންހެން ޓީމު ނިސްބަތުން ވަރުގަދަ އެވެ. ދީމާގެ އިތުރުން ރާއްޖޭގެ އުންމީދީ ތަރި ރަފާ ނާޒިމް ވެސް ޓިމްގައި ހިމެނެ އެވެ. މި ދެ ކުޅުންތެރިންނަކީ 2019 ގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ގައުމީ އަންހެން ޓީޓީ ޓީމު ހޯދި ރަން މެޑަލް ތަކުގައި އެންމެ ހިއްސާ ބޮޑު ދެ ކުޅުންތެރިންނެވެ.
އައިއޯއައިޖީގެ އަންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދިއިރު، ޑަބަލްސް ރަން މެޑަލް ހޯދީ ދީމާ އާއި ރަފާގެ ޕެއާ އެވެ. އަންހެން ސިންގަލްސް ރަން މެޑަލް ދީމާ ހޯދިއިރު، ރިހި މެޑަލް ހޯދީ ރަފާ އެވެ. މީގެ އިތުރުން 2019ގައި އޮތް ސާފް ގޭމްސް އިން ލޯ މެޑަލް ހޯދި އަންހެން ޓީމްގައިވެސް މި ދެ ކުޅުންތެރިން ހިމެނެ އެވެ.
މެޑަލް އަށް ޓާގެޓްކޮށްގެން ތައްޔާރުވަމުން އަންނަ ގައުމީ ޓޭބަލް ޓެނިސް ޓީމްގެ ޓްރެއިނިން ތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއް އަންނަނީ ބައިވެރިވަމުންނެވެ. އަދި މުބާރާތުން ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓު ދިނުމަށް ގިނަ ބަޔަކު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް އައުމަށް ކުޅިވަރާ ބެހޭ ވުޒާރާއިންނާއި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން ވެސް އިލްތިމާސްކުރެ އެވެ.













